ކައުންސިލް އިންތިހާބަށް އެމްޑީޕީ އަށް އެއްބާރުލުން އޮންނާނެ: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދޭން ހުރިހާ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރަށް (ގަޕޯ) މަރުހަބާ ވެސް ވިދާޅުވެ، ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނަޝީދު މިއަދު ވިދާޅުވީ، ޕާޓީގެ ޔުނިޓީ އޮބަހައްޓައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބީ އަށް ވާސިލްވާން ކުރަން ޖެހޭ މަސައްކަތްތަކުގައި އެ މަނިކުފާނުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަމަށެވެ."... ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލް ވާން ކުރަންޖެހޭ މަސައްކަތުގައި އަޅުގަނޑުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި އަދި އެ ޕާޓީގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތް ބޭފުޅުންގެ ލިސްޓުގައި އުޅުއްވާ ނަޝީދު ވިދާޅުވި އެވެ.ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ. އެ މަނިކުފާނު އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވިދާޅުވެފައި ވަނީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބު ނަގާނީ ބޮޑުކޮށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބުގައި ނެންގެވޭނީ 20 ޕަސެންޓު ކަމަށެވެ.އީސީން ބުނި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި 226 ދާއިރާއަކުން ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެ އެވެ.އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އީސީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އީސީން ކުރިން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ