ނަމާދުގައި ހުރެގެންވެސް ހަދަންޖެހޭނެ ހިސާބެއް އެބައޮތެވެ. އެއީ ތިމާއަށް ނަމާދު މިކުރެވޭ ގޮތާއިމެދު ވިސްނުމެވެ. ކިޔޭ ތަކެއްޗާއި ކުރެވޭ ޙަރަކާތްތަކަސް ވިސްނުމެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭނީ އެއްރަކްއަތަށްވުރެ އަނެއް ރަކްޢަތް އިތުރަށް ފުރިހަމަކުރަން މަސައްކަތްކުރުމުންނެވެ.
ޚުޝޫޢަތްތެރިކަމެއް ނެތި ނަމާދުކުރާ މީހާ ނަމާދަށް ހުރެ ހަނދާންކުރާނީ އޭނާއަށް ނުކުރެވި ހުރި ކަންތައްތަކެވެ. އެއިގެ ބަދަލުގައި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާމީހާ ނަމާދަށް ފެށުމާއިއެކު އޭނާއަށް ނުކުރެވިހުރި ކަންކަން މަތިން ހަނދާން ނައްތައިލާނެއެވެ.
އަދި ނަމާދު ނިމޭއިރުވެސް އޭނާގެ ވިސްނުމުގައި ހުންނާނީ ނަމާދުން އޭނާއަށް ފުރިހަމަ ނުކުރެވިހުރިކަންކަމެވެ. ޢޭނާގެ ކަންކަންބޮޑުވުމަކަށްވާނީ އެކަންކަން ފުރިހަމަނުކުރެވުމެވެ. އޭނާ ޢަޒުމް ކަނޑައަޅާނީ ދެންކުރާ ނަމާދެއް އެންމެ ފުރިހަމައަށް ކުރަން މަސައްކަތް ކުރުމަށެވެ. އަދި ނަމާދު ނިމުމުން، ހުރި އުނިކަންތައްތަކަށް ޢަފޫކޮށްދެއްވެވުން އެދި ދުޢާވެސް ކުރާނެއެވެ.
އެއިގެ ބަދަލުގައި ޚުޝޫޢަތްތެރިކަމެއް ނެތި ނަމާދުކުރިމީހާ ކިޔާ އެއްޗަކަށް ވިސްނައިވެސް ނުލާއިނދެ ޛިކުރުކޮށްލާފައި މިސްކިތުން ފައިބައިގެންދާނީއެވެ.
މީސްތަކުންނޭވެ! އެއްވެސް މީހަކަށް 100 އިންސައްތައަށް ޚުޝޫޢަތްތެރިނުވެވިދާނެއެވެ. ނަމަވެސް އެމީހަކަށް ކެރިކުޅަދާނަވީ ވަރަކުން ޚުޝޫޢަތްތެރިވާން މަސައްކަތްކުރަންވާނެއެވެ. ﷲ ތަޢާލާ ކޮންމެ ކަމެއްވެސް ހިންމަވައި ދެއްވަވާނީ އެކަމަކަށް އެދިގެން މަސައްކަތްކުރުމުންނެވެ. ވީމާ އަހުރެމެންނަށް އޮތީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ކުރުމެވެ.
މީހާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މަސައްކަތްކުރާ މިންވަރުވެސް ދެނެވޮޑިގެންވެއެވެ. ވީމާ ޚުޝޫޢަތްތެރިވާން އެމީހަކު ކުރި މަސައްކަތަށް ﷲ ތަޢާލާ ޙައްޤު ޖަޒާ ދެއްވަވާނެތެވެ. އެއީ ޝައްކުވެސް ކުރަން އޮތް ކަމެއް ނޫނެވެ.
ދުނިޔެއިން ބޭނުންވާ ކަންކަން ހުހެއް ނުކުރެވޭނެއެވެ. ނުކުރެވިހުރި ކަންކަމާއި ކުރަން ބޭނުންވެގެން ހުންނަ ކަންކަންވެސް ހުހެއް ނުކުރެވޭނެއެވެ. އެކަންކަމާއި އަޅުވައި ނަމާދުގައި ޚުޝޫޢަތްތެރިވާން ފަރުވާކުޑަކުރާނަމަ އެމީހަކަށް ދުވަހަކުވެސް އޮންނާނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ނުކުރެވިފައެވެ.
ވީމާ ކުރިމަތީގައި ކިތަންމެ ގިނަ މައްސަލަތައް ހުރިނަމަވެސް، ކިތަންމެ ގިނަ ކަންކަން ނުކުރެވިހުރި ނަމަވެސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތްކުރާށެވެ. ހުރި މައްސަލަތަކާއި ނުކުރެވިގެން އުޅޭ ކަންކަން ޙައްލުކޮށްދެއްވެވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާ އަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ނަމާދު ނަމާދަކަށް ހެދޭނީ ނަމާދުގެ އެއް ރަކްއަތަށްވުރެ އަނެއް ރަކްޢަތް އިތުރަށް ފުރިހަމަކުރަން މަސައްކަތްކޮށްގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ