ފްލެޓަކުން ވައްޓާލި ކުނި ކޮތަޅަކުންޖެހި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކަށް އަނިޔާވެއްޖެ

މާލެ ހިޔާ ފްލެޓަކުން ވައްޓާލި ކުނި ކޮތަޅަކުން ޖެހި، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކަށް އަނިޔާވެފައިވެއްޖެއެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ކައުންސިލްގެ މުވައްޒަފުން މާލެ ހިޔާ-2 ގެ ކުނި އަޅާ ސަރަހައްދުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެގޮތުން އެ އިމާރާތުގެ ފްލެޓެއްގެ ބަދިގެއާ ވީ ފަރާތު ބެލްކަނިން ވައްޓާލި ކުނި ކޮތަޅެއް ވަނީ އެ ވަގުތު މަސައްކަތުގައި އުޅުނު މުވައްޒަފެއްގެ ބޮލުގައި ޖެހިފައެވެ.
އެ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ވައްޓާލި ކޮތަޅުގައި ހުރީ ހަޑިވެފައި ހުރި ކާ އެއްޗިއްސާއި އެކި ބާވަތުގެ ކުނިތަކެކެވެ. މި ކޮތަޅުން ޖެހުމުގެ ސަބަބުން މުވައްޒަފުގެ ބޯ ދުޅަވެ، އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ކައުންސިލުން ބުނީ، މާލެ ހިޔާ ފްލެޓްތަކުގެ ކުނި ގަވާއިދުން ނަގަމުން ދަނިކޮށް، މިފަދަ ނާތަހުޒީބު އަދި ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ވިޔާނުދާ އަމަލުތައް ތަކުރާރު ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް މީގެ ކުރިންވެސް މިފަދަ އެކި ހާދިސާތަކުގައި އަނިޔާ ލިބިފައިވެއެވެ. އެގޮތުން ކުނި ނެގުމުގައި ހަރަކާތްތެރިވާ ވެމްކޯގެ މުވައްޒަފުންނަށްވެސް މަތިން އެއްޗެހި އުކުމުގެ ސަބަބުން މީގެ ކުރިން އަނިޔާވެފައިވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ