ގައުމީ އެއާލައިން މޯލްޑިވިއަނުން ރާއްޖެއިން އޮސްޓްރޭލިއާ އަށް ސީދާ ދަތުރުތައް އިއްޔެ ފަށައިފި އެވެ.
މިއީ ތާރީހުގައި ވެސް ރާއްޖެ އިން އޮސްޓްރޭލިއާ އަށް ވައިގެ ސީދާ ދަތުރެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ކުރަނީ ޓްރާންސިޓް ދަތުރުތަކެވެ.
މޯލްޑިވިއަނުން ބުނީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ކުރާ އެންމެ ފުރަތަމަ ސީދާ ދަތުރުގެ ތާރީހީ ފެށުން ކުރިއަށް ގެންދިއުމަށް، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު އޭ330 ރޭ މާލެއިން މެލްބަންއަށް ދިއުމަށް ފުރާފައިވާ ކަމަށެވެ.
އެއީ 10-11 ގަޑިއިރުގެ ދިގު ދަތުރެކެވެ.
"މިއީ އާ މަންޒިލަކަށް ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެ ފަދަ ދަތުރުތަކަކަށް ހުޅުވިގެންދިޔަ ދޮރެއް. އަދި މިއީ ރާއްޖެ އަށް ލިބުނު ފަހުރަކާއި ޝަރަފެއް،" މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އޮސްޓްރޭލިއާގެ ޓްރެވަލް ކޮމްޕެނީ ލަގްޒަރީ އެސްކޭޕްއާ ގުޅިގެން ކޮންމެ ހަފުތާއަކު މެލްބަން އަށް ޝެޑިއުލް އެއް ދަތުރު ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމައިފަ އެވެ.
ރާއްޖެ އާއި އޮސްޓްރޭލިއާގެ އަރޮނޮޓިކަލް އޮތޯރިޓީތަކުން ދެ ގައުމުގެ ދެމެދުގައި "ބައިލެޓްރަލް އެއާ ސާވިސަސް އެގްރީމަންޓް"އެއްގައި މިދިޔަ މާޗު މަހު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ސަބަބުން އެއްވެސް ހުރަހެއް ނެތި ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ކުރެވޭނެ އެވެ.
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ކަމަށްވާ އޭ330 ގައި ޗައިނާގެ އެކި ސިޓީތަކަށާއި ބަންގްލަދޭޝްގެ ޑާކާ އަށް ކޮންމެ ހަފުތާއަކު ޝެޑިއުލް ދަތުރުތައް ކުރެ އެވެ. އަންނަ ސްކޫލް ބަންދާ ދިމާކޮށް ތައިލެންޑަށް ވެސް ދަތުރުތައް ބާއްވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ވެސް އެކި ދުވަސްތަކާ ދިމާކޮށް ސްރީ ލަންކާ އާއި މެލޭޝިއާ އަދި ސައުދީ އަރަބިއްޔާ އަށް ވެސް ދަތުރުތައް ބާއްވައިފަ އެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީއަށް ދާ ދިވެހިން ވެސް މޯލްޑިވިއަންގައި ދަތުރު ކުރެ އެވެ.
ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖެ އިން އޮސްޓްރޭލިއާ އަށް ސީދާ ދަތުރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ