ވިއެޓްނާމްގެ ބޮޑު ހިޔާނާތް މުގުލުގައި ހުރި މަހުޖަނުގެ އަގުބޮޑު ދެ އަތް ދަބަސް ފަސް ލައްކަ ޑޮލަރަށް ވިއްކާލައިފި

ވިއެޓްނާމްގައި ބޮޑު ހިޔާނާތުގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަހުޖަނު ޗުއޮންގް މީ ލަންގެ އަތުން އަތުލައިގަތް ދެ އަތްދަބަސް ސަރުކާރުން ބޭއްވި ނީލަމެއްގައި 530,000  ޑޮލަރަށް ވުރެ އަގުބޮޑުކޮށް ވިއްކާލައިފިއެވެ.
މި ދެ ދަބަހަކީ ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ހާމްސްގެ ބާކިން މޮޑެލްގެ ދެ ދަބަހެވެ.
ނީލަން ފެށިތާ އެންމެ ތިރީސް މިނެޓުގެ ތެރޭގައި މި ދެ ދަބަސް ވަނީ ވިކިފައެވެ. މީގެ ތެރެއިން ހުދު ކުލައިގެ އެއް ދަބަސް 440,144 ޑޮލަރަށް ވިކުނުއިރު، އަނެއް ދަބަސް ވިކިފައިވަނީ 94,850 ޑޮލަރަށެވެ. ހާމްސް ބާކިން ދަބަސްތަކަކީ އޭގެ ހާއްސަކަމާއި މަދުކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އެތައް ލައްކަ ޑޮލަރަކަށް އަގުކުރެވޭ އެއްޗެކެވެ.
ޗުއޮންގް މީ ލަންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ވިއެޓްނާމްގެ ބޮޑު ބޭންކަކުން ގިނަ އަދަދެއްގެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލައިގައެވެ. ކޯޓުން ވަނީ އޭނާގެ ހިޔާނާތުގެ ބަދަލުގެ ގޮތުގައި 27 ބިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް އަމުރުކޮށްފައެވެ.
މިދިޔަ އޭޕްރީލް މަހު ފުރަތަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް، ވިއެޓްނާމްގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން މިދިޔަ ޖޫން މަހު އެ ހުކުމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.
ޝަރީއަތުގެ މަރުހަލާގައި ލަން ވަނީ މި ދެ ދަބަސް އޭނާގެ އަތުން އަތުނުލުމަށް އެދިފައެވެ. އޭނާ ބުނި ގޮތުގައި އެއް ދަބަހަކީ އިޓަލީން ގަތް އެއްޗެކެވެ. އަދި އަނެއް ދަބަހަކީ މެލޭޝިއާގެ ވިޔަފާރިވެރިއަކު އޭނާއަށް ދިން ހަދިޔާއެކެވެ. މި ދެ ދަބަސް އޭނާގެ ދަރިންނާއި މާމަ ދަރިންނަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ބަހައްޓަން ބޭނުންވާ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ. ނަމަވެސް ހޯޗީމިން ސިޓީގެ ކަމާބެހޭ އިދާރާތަކުން ނިންމީ މި ތަކެތި ނީލަން ކިޔައިގެން ދައުލަތަށް ފައިސާ ހޯދުމަށެވެ.
ނީލަމުގައި އެންމެ އަގުބޮޑުކޮށް ވިކުނު ދަބަހަކީ ކިނބޫ ހަމުން ތައްޔާރުކޮށްފައިވާ، އަދި އޭގެ ބައިތަކުގައި އަގުބޮޑު އެސް ޖަހާފައިވާ ދަބަހެކެވެ. މި ދަބަސް ވިކިފައިވަނީ ނީލަން ފެށި އަގަށް ވުރެ ގާތްގަނޑަކަށް ހަތް ގުނަ ބޮޑު އަގެއްގަ އެވެ.  މިއީ ލަންގެ އަތުން އަތުލައިގަތް 1200 އަށް ވުރެގިނަ ތަކެތީގެ ތެރެއިން ވިއްކާލި ދެ އެއްޗެވެ.
ލަގްޒަރީ ފެޝަންގެ މާހިރުން ބުނާ ގޮތުގައި ބާކިން ދަބަސްތަކުގެ އަގު އަހަރަކަށް ވުރެ އަހަރެއް ދަނީ އުފުލެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ