ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ކުރިޔަސް އެކަށީގެންވާ ޚިދުމަތެއް ނުލިބޭ: ކައުންސިލަރު ޣާލިބު

ހުޅުމާލެ ހޮސްޕިޓަލް މި ސަރުކާރުން ޓާޝަރީކޮށްފައިވީ ނަމަވެސް، އެކަށީގެންވާ ޚިދުމަތެއް ނުލިބޭ ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކައުންސިލަރު ވިދާޅުވީ، ޓާޝަރީ ހޮސްޕިޓަލަށް ބަދަލު ކުރިޔަސް ނުފުދޭ ކަމަށާއި އެ ފެންވަރުގެ ޚިދުމަތެއް އެ ހޮސްޕިޓަލުން ނުލިބޭ ކަމަށެވެ. ހުޅުމާލޭގައި އާބާދީ ބޮޑުވަމުން އަންނައިރު، އެކަށީގެންވާ ޚިދުމަތެއް އެ ތަނުގައި ދިނުމަށް ސަރުކާރުން ތައްޔާރުވެފައި ނެތް ކަމަށް ޣާލިބު ވިދާޅުވިއެވެ. ނަމަވެސް، އެ ކަމުގައި ހުޅުމާލެ ހޮސްޕިޓަލުގެ މެނޭޖުމަންޓްގެ ކުށެއް ނެތް ކަމަށާއި ޚިދުމަތްތައް ދިނުމުގައި އެ ބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާކަން ކައުންސިލަރު ފާހަގަކުރެއްވިއެވެ. ހުޅުމާލެ ހޮސްޕިޓަލުގެ އެންއައިސީޔޫގެ އެތެރެ --- ފޮޓޯ/ ރައީސް އޮފީސް "ޓާޝަރީ ހޮސްޕިޓަލެއް ގޮތަށް އެ ތަނުގެ ނަން ބޯޑު ބަދަލުވީ. ޚިދުމަތަކަށް ބަދަލެއް ނާދޭ" ކައުންސިލަރު ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ހުޅުމާލޭގައި ގިނަ އަދަދަކަށް މީހުން އާބާދުވަމުން އަންނައިރު، ސިއްހީ ނިޒާމު އެ ތަނުގައި ހަރުދަނާކުރުމަށް ވިސްނަން ވެއްޖެ ކަމަށެވެ. އަދި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް ނެތީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. https://sun.mv/221374 ކައުންސިލަރު އެ ފަދައިން ވާހަކަދެއްކެވިއިރު، 150،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ހުޅުމާލޭގައި ޚިދުމަތް ދޭން ހުރި ހަމައެކަނި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. ނަމަވެސް، އެއީ ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ވުރެ ވެސް ކުޑަ ތަނެކެވެ. އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހުޅުވީ ނޮވެންބަރު 16، 2024ގައި ކަމަށްވާއިރު، ޚިދުމަތްތައް ލަސްވާތީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ. އޭރު ހޮސްޕިޓަލަށް އަލަށް ތައާރަފު ކުރި ޚިދުމަތްތަކުގެ ތެރޭގައި ޚާއްސަ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްއެއް ހިމެނެއެވެ. އެ ކޮމްޕްލެކްސް ތަރައްގީކޮށްފައި ވަނީ ހަތަރު އޮޕަރޭޝަން ތިއޭޓަރާ އެކުގައެވެ. އެއީ ކަށީގެ ބަލިތަކާއި ލޮލުގެ ބަލިތަކާއި އަންހެނުންނަށް ޚާއްސަ އަދި އާންމު ބަލިތަކަށް ޚާއްސަ އޮޕަރޭޝަން ތިއޭޓަރެކެވެ. މީގެ ކުރިން އެ ހޮސްޕިޓަލުގައި ހުންނަނީ އެންމެ އޮޕަރޭޝަން ތިއޭޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ