ޒަމާނީ ޑޭޓަރ ސެންޓަރެއް އުފެއްދުމުގެ އަމަލީ މަސައްކަތް ފަށައިފި: އިޙްސާން

ދިވެހި ފުލުހުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގެ ޑޭޓަރ ސެންޓަރެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުލުހުންގެ ޚިދުމަތް ޒަމާނީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓް ހަރުކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވުމުގެ އިތުރުން، އެ ސަރަހައްދެއްގައި ހުންނަ ފުލުހުންގެ ކެމެރާ ފީޑްތައް ވަގުތުން ބަލައިލެވޭނެ ގޮތަށް ސިސްޓަމް އަޕްގްރޭޑް ކުރެވިގެންދާނެއެވެ.
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ’ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ‘ ޚިދުމަތް ތައާރަފްކުރާނެކަން އިއުލާން ކުރައްވަމުން ވަޒީރު ވިދާޅުވީ، މި ޚިދުމަތާއެކު ކަމެއް ރިޕޯޓުކުރުމާއެކު ޑްރޯން ޑިޕްލޮއި ކުރެވި، އެ ސަރަހައްދުގެ ހާލަތު ވީޑިއޯ މެދުވެރިކޮށް ކޮމާންޑް ސެންޓަރަށާއި ރެސްޕޮންޑްކުރާ އޮފިސަރުންނަށް ވަގުތުން ފެންނާނެ ކަމަށެވެ.
 ”އެއްގަމުގެ ޓްރެފިކާއި އަދި ކަނޑު ހުރަސްކޮށް ޚިދުމަތްފޯރުކޮށްދޭން ދާންޖެހޭ ހާލަތުގައި ފުލުހުން އެހިސާބަށް ދިއުން ލަސްވިޔަސް ޑްރޯންގެ އެހީގައި ވަގުތުން އެތަނެއްގެ ހާލަތު ދެނެގަނެވި މިހާރަށްވުރެ އެފިޝިއެންޓްކޮށް ޚިދުމަތްދެވިގެންދާނެ،“ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރު ގިއަރަކަށް ބަދަލުކޮށް، ގޭންގު ކުށްތަކުގައި އުޅޭ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުން ޚާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ބަޔޮމެޓްރިކްސް ނުދީ ފިލައިގެން އުޅޭ 2000 އެއްހާ ބިދޭސީން ހޯދައި ޑިޕޯޓުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްދާނެއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ފުލުހުންގެ މުއައްސަސާގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ރައްޔިތުންގެ އިތުބާރުކަން ފާހަގަކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ ޚިދުމަތުގެ ރަން އަހަރަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް ވަނީ އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ