ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލް މަޖިލީހުން ފާސްކޮށްފި

ސިނގިރެޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި އެ ބިލް ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލް ފާސްކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ކޮމިޓީގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން އެ ބިލް ފާސްކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. 
ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލަށް މަޖިލީހުގެ ޖަލްސާގައި ކުރިން ކުރި ބަހުސް ހޫނުވެ، އެއް ޕާޓީން އަނެއް ޕާޓީއަށް ވައްކަމުގެ ތުހުމަތުތައް ވެސް ކުރި އެވެ.
އެ ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވީ ސިނގިރެޓްގެ ޑިއުޓީ ސަރުކާރުން އޭރު ބޮޑުކުރީ ވޭޕް މަނާކުރުމާ އެކު ގިނަ ބަޔަކު ސިނގިރެޓަށް ބަދަލުކޮށްފާނެތީ ކަމަށެވެ. ނަމަވެސް އެހެން އެކަން ނުވާކަން ދިރާސާތަކުން އެނގިފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. 
ސިނގިރެޓްގެ ޑިއުޓީ ބޮޑު ކުރުމަށާއި ކުޑަކުރުމަށް ޕީއެންސީގެ މެންބަރުން ދައްކާ ވާހަަކަ ދިމާނުވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވުމުން، ޕީއެންސީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެފައިވަނީ ޕީއެންސީގެ މެންބަރުން ކުރިން ވެސް އަދި މިހާރު ވެސް ވާހަަކަ ދައްކަވަމުން ގެންދަވަނީ ޑިއުޓީ އަށް ބަދަލު ގެންނަން ޖެހުނު ސަބަބާ ބެހޭގޮތުން ކަމަށެވެ.
The most trusted news source in the Maldives
އެ ބިލް ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ބިލަށް ބައެއް ބަދަލުތައް ގެންނަން ގެންނަން ޖެހޭ ކަމަށް ބަހުސްގައި މެންބަރުން ވިދާޅުވި ނަމަވެސް ހުށަހެޅުމެއްގެ ގޮތުގައި އެއިން އެއްވެސް ކަމެއް ހުށަނާޅާތީ ބިލް ފާސްކުރީ ސަރުކާރުގެ ފަރާތުން ހުށަހެޅި ގޮތަށެވެ. 
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު، 2024 ގަ އެވެ. އެފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފަ އެވެ. ނަމަވެސް އެ އަގަށް ބަދަލު ގެނެސް އަނެއްކާވެސް ޑިއުޓީ ކުޑަ ކުރަން ނިންމީ ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާ އަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗުއޯގެ ލަފާ ލިބިފައި ވާތީ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޑިއުޓީ ރޭޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުން އަބަދުވެސް ކުރާނެ ކަމެއް ކަމަށާއި އަދި އެ ރޭޓް ހިފަހައްޓާނީ އެއިރެއްގައި ކުރާ ދިރާސާތަކުން ދައްކާ ނަތީޖާއަކަށް ބަލައިގެން ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ