ލ. ގަމުގައި ރޭ ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި އަނިޔާވި ކުޑަކުއްޖާ މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 11:00 ޖެހި ފަހުންނެވެ. މި ހާދިސާ ހިނގުމާއެކު އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން އިތުރު ފަރުވާއަށް މިއަދު ހެނދުނު ވަނީ މާލެ ގެނެސްފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުން ވިދާޅުވީ، ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ރަށުގައި އީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. ކަރަންޓު ޝޮކު ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަރަންޓުގައި ޖެހުނު ކުއްޖާގެ ހާލު ސީރިއަސް، ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ