ފަތުރުވެރިން އަންނަ އަދަދު އަދިވެސް މިދިޔަ އަހަރަށް ވުރެ މަދު

މި އަހަރުގެ މިހާތަނަށް 1 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން އަންނަ އަދަދު %5 ދަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އައީ މިދިޔަ މަހުގެ 20ގަ އެވެ. އެ އަމާޒު ހާސިލްވީ ވެސް މިދިޔަ އަހަރަށް ވުރެ ލަހުންނެވެ.
ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 5،700އެއްހާ ފަތުރުވެރިން ރާއްޖެ އާދެ އެވެ. 
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާ އިންނެވެ. އެ ގައުމުން 169،798 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ %16.2 އެވެ. އެގޮތުން:
ޗައިނާ ފަތުރުވެރިންގެ %65 މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައި؛ %30 ފަތުރުވެރިން ދަނީ ގެސްޓުހައުސްތަކަށް
ދެން އެންމެ ގިނަ ފަތުރުވެރިން އަންނަނީ:
ރަޝިއާ - 150،978 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %14)
އިނގިރޭސިވިލާތް - 86،795 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %8.3)
އިޓަލީ - 74،049 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %7.1)
ޖަރުމަނު - 67،379 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %6.4)
މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %72 މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. އަދި %23 ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގަ އެވެ. އެގޮތުން:
އެންމެ ގިނައިން ރާއްޖެ އަންނަނީ 25-34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިން
ޖުމްލަ 1،297 ފެސިލިޓީގައި 67،868 އެނދު އޮޕަރޭޓު ކުރޭ
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު މި އަމާޒަށް ވާސިލްވެވިދާނެ ކަމާ މެދު މިހާރު އޮތީ ސުވާލު އުފެދިފަ އެވެ.  
އެނގުން މުހިންމު - ގޮންޖެހުންތަކާ އެކު ވެސް މިހާރު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރަށް ވުރެ ދަށް ނުވުން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ