ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ހުދު ސަމާލު ނެރެފައިވަނީ ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސަމާލު ނެރުނު ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އެގޮތުން ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. ހުކުރު ދުވަހު ބައެއް ރަށްތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، ހޮނިހިރު ދުވަހު މޫސުން އިތުރަށް ގޯސްވެ، ގިނަ ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާތީ، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ