ޑްރަގް ކެފޭއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އައްޑޫގެ ގެއެއް ބަންދުކޮށްފި

އައްޑޫ ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ހިތަދޫގެ ގެއެއް ބަންދުކުރަން އެ ރަށު މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން އިއްޔެ ވިދާޅުވި ގޮތުގައި، ހިތަދޫ ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކުރީ، ހިތަދޫ، ލާމިޔާގެއާގެއެވެ. އެ އަމުރު ނެރެފައިވަނީ 2026 ޖޫން 08 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ފުލުހުން ވިދާޅުވީ، ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ޝުކުރުއަދާކުރެއްވިއެވެ.
މާލޭގައި ވެސް އާންމު ފަރާތްތަކުގެ ގެތަކުގައި ފައިސާ ދީގެން މަސްތުވާތަކެތި ބޭނުންކުރެއެވެ. ޑްރަގް ކެފޭގެ ގޮތުގައި ފުލުހުން މީގެ ކުރިން ސިފަކުރި އެ ތަންތަން ވެސް ފުލުހުން ދަނީ ބަންދުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ