ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ތަސްދީގު ނުކުރީ ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ގައިދީންނަށް އޮތުމުން

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ނުކުރެއްވީ، ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ގައިދީންނަށް ވެސް އޮތުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. 
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލީ މެއި 31، ގަ އެވެ. ނަމަވެސް އެއިރު އެ ބިލު ރައީސް މުއިއްޒު ތަސްދީގު ނުކުރެއްވި ސީދާ ސަަބަބެއް ހާމައެއް ނުކުރެ އެވެ. 
މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ޓްރާންސްޕްލާންޓް ކުރާ ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް މަޖިލީހުން ބިލަށް ގެނައި އިސްލާހުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ ހާއްސަ ހާލަތެއްގައި ތިބޭ ބަޔެއް ކަމުގައިވާއިރު އެމީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަނެއް ހަދިޔާ ކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ބެލެވިދާނެ ކަމަކަށް ނުފެނޭ،" މަޖިލީހަށް އިއްވި ރައީސްގެ ސިޓީގައި ބުނެފައިވެ އެވެ. 
ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ އަލުން ކޮމިޓީއަށް ފޮނުވަން މިއަދު ޖަލްސާގައި ވަނީ ނިންމައިފަ އެވެ. 
އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މެއި 14، ގަ އެވެ. އަދި ބިލު ތަސްދީގު ކުރުމަށް ރަައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައި ވަނީ މެއި 19، ގަ އެވެ. 
ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ބިލަކީ، އެފަދަ މެޑިކަލް ޕްރޮސީޖާތައް ކުރިއަށްގެންދިޔުމުގެ ހުއްދަ ދިނުމަށްޓަކައި ހެދި ބިލެކެވެ. އަދި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅައި ހުއްދަ ދިނުމަކީ ވެސް ބިލުގެ އެއް ބޭނުމެވެ. 
އޭގެ އިތުރުން، ގުނަވަން ޓްރާންސްޕްލާންޓް ކުރާ ތަނަކުން ހިދުމަތް ލިބިގަންނަ މީހާއަށް ލިބިދޭ ހައްގުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ހިދުމަތްދޭ ފަރާތްތަކަށް ލިބިދޭ ހައްގުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ