އަތޮޅު ކައުންސިލް އޮފީސްތައް އެލްޖީއޭގެ ގޮފިތަކަކަށް

ޤާނޫނުއަސާސީއަށް ގެނައި އިސްލާޙާއެކު އަތޮޅު ކައުންސިލްތައް އުވުމުން އެ ކައުންސިލްތައް ހިންގަމުން އައި އިމާރާތްތައް އެލްޖީއޭގެ ގޮފިތަކަށް ބަދަލުކޮށްފިއެވެ.
ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު އަތޮޅު ކައުންސިލްތައް މިހާރު ވަނީ އުވިފައެވެ. އެ އިސްލާޙޫތައް ގެނައިއިރުވެސް ސަރުކާރާއި މަޖިލީހުން މަސައްކަތް ކުރީ އަތޮޅު ކައުންސިލްތައް އުވުނު ނަމަވެސް އެ ކައުންސިލްތަކުގައި މަސައްކަތް ކުރި ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާތަކަށް އަސަރު ނުކުރާނެގޮތަށް ކަންކަން ރޭވުމަށެވެ.
ޤާނޫނަށް ގެނައި އިސްލާޙުގައި މިކަމަށް ވަނީ ޙައްލު ހޯދަދީފައެވެ. އެގޮތުން، ލާމަރުކަޒީ ޤާނޫނުގެ 58ވަނަ މާއްދާއަށް އިތުރު ކުރި އަކުރުގައި ބަޔާންކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ މަސްއޫލިއްޔަތުތަކާއި، ބާރުތައް އިދާރީ ދާއިރާގެ ފެންވަރުގައި ލާމަރުކަޒީ އުސޫލުން ތަންފީޒުކޮށް ހިންގޭނެ އިންތިޒާމުތައް އެ އޮތޯރިޓީން ހަމަޖައްސަންވާނެ ކަމަށެވެ. އަދި އެ ބޭނުމަށާއި އެލްޖީއޭގެ ޚިދުމަތްތައް އިދާރީ ދާއިރާގެ ފެންވަރުގައި ދިނުމަށްޓަކައި އޮފީސްތައް އެ އިދާރީ ދާއިރާތަކުގައި ޤާއިމުކޮށް، ހިންގުމުގެ އިޙްތިޔާރު ލިބިގެންވާ ކަމަށާއި އެ އޮފީސްތައް ހިންގަންވާނީ އެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ކަމަށް ޤާނޫނަށް ގެނައި އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.
އަތޮޅު ކައުންސިލްތައްވެސް ހިންގަމުން އައީ، އެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ޤާއިމުކޮށްފައި ހުންނަ އިމާރާތެއްގައެވެ. އެހެންވެ، އަތޮޅު ކައުންސިލްތައް އުވުމުން، އެ އިމާރާތްތަކުގައި އެލްޖީއޭގެ ޚިދުމަތްތައް ދިނުމަށް އެ އޮފީސްތައް އެ އޮތޯރިޓީގެ ދަށަށް ބަދަލުކުރީ ކަމަށް އެލްޖީއޭއިން މައުލޫމާތު ދެއްވައެވެ. އަދި މި އޮފީހުގައި ކުރިއަށްދާނީ، އެލްޖީއޭގެ މައި އޮފީހުން ކައުންސިލްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުން ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ޤާނޫނަށް މިފަހުން ގެންނެވި އިސްލާޙުގައި އެލްޖީއޭގެ ހުރިހާ މުވައްޒަފުންނަކީވެސް ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރި މުވައްޒަފުންނަކީވެސް ސިވިލް ސަރވިސް މުވައްޒަފުންނަށްވާތީ، އެ މުވައްޒަފުންގެ މުސާރައަށް އަދި ވަޒީފާއަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެލްޖީއޭއިން ދެއްވައެވެ.
އެލްޖީއޭއިން ވިދާޅުވީ، "އެލްޖީއޭގެ އަތޮޅު އޮފީސް"ތަކުގެ ގޮތުގައި މި އޮފީސްތައް މަސައްކަތް ކުރާނީ އެ އޮތޯރިޓީގެ ގޮފިތަކެއްގެ ގޮތުގައި ކަމަށެވެ. މީގެ ސަބަބުން ކައުންސިލްތަކާ އެލްޖީއޭއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޤާނޫނުން އެލްޖީއޭއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ