ރައީސް ސޯލިހާއެކު ހުންނާކަށްވެސް ނުހުންނާކަށްވެސް އަދި ނުނިންމަން: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އަންނަ ރިޔާސީ އިންތިހާބުގައި ހުންނެވުމާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވުމަށް އެއާޕޯޓަށް ވަޑައިގެން ހުންނަވައި ނޫސަވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ މީގެކުރިން ވެސް ވިދާޅުވި ފަދައިން އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީއިން ކުރިމަތިލާނެ ކަމަށެވެ.
އެ އިންތިހާބަށް ނިކުންނާނީ ކޯލިޝަނުގެ ތެރެއިންތޯ ޖުމްހޫރީ ޕާޓީއިން ވަކިންތޯ އަދި މިހާތަނަށް ނިންމަވާފައި ނުވާނެ ކަމަށާއި އެކަން ކައުންސިލުން ނިންމުމުން އަންގަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް ސޯލިހުއާއެކު ކުރިއަށްދާނެތޯ ނުވަތަ ނޯންތޯވެސް އަދި ނުނިންމާ ކަމަށާއި އެގޮތަށް ނިންމަން ޖެހޭނީވެސް ރައީސް ސޯލިހަށް ޓިކެޓު ލިބޭނެކަން ޔަގީންވުމުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިހާރު ރައީސް ސޯލިހަށް ތާއީދުކުރައްވާ އެކަން އިއުލާން ކުރެއްވުމަކީ ހިޔަންޏަށް މުޑިނެގުން ކަމަށާއި ހިޔަންޏަށް މުޑި ނުނަންގަވާނެ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ އިންތިހާބުގައި ރައީސް ސޯލިހު ނޫން މީހަކާ އެކު ކުރިއަށްދާނެތޯ ނޫންތޯވެސް ނިންމާނީ އެ ޕާޓީގެ ކައުންސިލުން ކަމަށާއި އެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ކޮންމެ ކެންޑިޑޭޓަކާއެކު ވެސް ކުރިއަށް ދެވިދާނެ ކަމަށާއި އެ ދޮރު ބަންދު ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ ކުރިން ޖުމްހޫރީ ޕާޓީގެ އޮފީސް، ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ ޕާޓީގެ ކައުންސިލުން ނިންމާފައި އޮތީ އެ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް ކަމަށާއި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕްރައިމަރީއެއް ބާއްވާނެތޯ ވެސް ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ