މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ އާދީއްތަ ދުވަހު ޚާއްސަ އިނާމާބެހޭ ކޮމިޓީން ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދެއްވާ ގިންތިތަކުގެ ތެރޭގައި މިއަހަރު އިތުރު ގިންތިއެއް ވަނީ ހިމަނުއްވާފައެވެ. އެއީ، މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާޚިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށާއި، މި ދާއިރާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފުން ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ އަދި ކުރަމުންގެންދާ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް، ރައީސް ދެކެވަޑައިގަންނަވާތީ، އެމަނިކުފާނުގެ އެދިވަޑައިގަތުމުގެމަތިން މިއަހަރު އިތުރުކުރެއްވި ގިންތިއެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ސާލިހް ދެއްވާ ޚާއްސަ އިނާމުގެ ތެރޭގައި ހިމެނޭ އަނެއް ގިންތިތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ.
މިއީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދައިފައިވާ ފަރާތްތަކެވެ. މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް މި ގިންތިން އިނާމު ދެއްވާގޮތަށް، މިދިޔަ އަހަރުން ފެށިގެން ވަނީ ހަމަޖައްސަވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިނާމު މި އަހަރު ދެއްވާ ދެވަނަ ގިންތީގެ ތެރޭގައި ހިމެނެނީ، ބައިނަލްއަގްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ތިންވަނަ ގިންތީގެ ތެރޭގައި، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިވެސް ވަނީ ހިމަނުއްވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އާދީއްތަ ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ