ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް މެމްބަރު ނާޝިޒް އިންތިޚާބުކޮށްފި

ކުރިއަށް އޮތް 2023 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު މިއަދު އިންތިޚާބުކޮށްފިއެވެ.
ބަޖެޓު ދިރާސާ ކޮމިޓީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ މެމްބަރުންގެ މައްޗަށެވެ. މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އޮތީ މިއަދުއެވެ. މެމްބަރު ނާޝިޒު އެ މަގާމަށް އިންތިޚާބުކުރީ މި ބައްދަލުވުމުގައެވެ.
މެންބަރު މުހައްމަދު ނާޝިޒު އެ މަގާމަށް އިންތިކާބު ކުރިއިރު، ކޮމިޓީން ވަނީ ނައިބު މުގައްރިރަކަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އިންތިޚާބުކޮށްފައެވެ.
މި ދެ ބޭފުޅުން މަގާމަށް ހަމަޖެއްސުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 19 މެމްބަރުންގެ އިއްތިފާގުން ވަނީ ދެ މެމްބަރަށް ރުހުން ލިބިވަޑައިގެންފައެވެ.
މެމްބަރު ނާޝިޒް ވަނީ ފާއިތުވި ދެ އަހަރާއި މިހިނގާ އަހަރުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވައިފައެވެ. އޭނާއަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ވެސްމެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 42.6 ބިލިޔަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ. ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުން ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. އިޖުތިމާޢީ އަދި އިޤްތިސާދީ އިންގިލާބީ ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނާ ގާތްކޮށްދިނުން ކަމަށެވެ.
2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެބިލިއަން، ހަސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ. މީގެތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ހިމެނެއެވެ.
މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށެވެ. ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތުފަދަ ރިކަރަންޓް ޚަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކޮށްފައިވާއިރި ސަބްސިޑީ އާއި އެހީ ދިނުމަށް 6.6 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެކަމަށް ލަފާކޮށްފައިވެއެވެ.
ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑަށް ޚަރަދުކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށެވެ. އެއީ ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގާނެ 8.4 ބިލިއަން ރުފިޔާއެވެ.
މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޮވިޑް-19ގެ ކުރީގެ އިގުތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ