ފަނޑިޔާރުން މަގާމަށް އައްޔަންކޮށް ވަކިކުރާ އުސޫލުތަކާއި ހަމަތަކުގެ ބޭރުން ވެސް ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މަގާމުން ވަކިކޮށްދިނުމަށް، ރައީސް މުހައްމަދު ނަޝީދު ފޯންކުރައްވައި އެދިވަޑައިގެންނެވި ކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގެ މެމްބަރުކަމުން އަފްރާޝީމް ވަކިކޮށްދިނުމަށް އެދި އެމްޑީޕީން ހުށަހެޅި މައްސަލައާ ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަފްރާޝީމް ވިދާޅުވީ ޝަރުއީ ދާއިރާ ކުރިއެރުވުމަށް އެމްޑީޕީ މެމްބަރުން ވާހަކަދައްކަވާ އިރު، ގާނޫނީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައީސް ނަޝީދު ޖޭއެސްސީގެ މެމްބަރުންނަށް އަންގަވަމުންދާ ކަމަށެވެ.
"...ފޭދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްހާން ފަހުމީ އަށް ދަންނަވާލަން ބޭނުންވަނީ، ޖިނާއީ ކޯޓުގެ އިސް ގާޒީ، ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ވިޔަސް ވެސް، އޭނާ އެ ކޯޓުން ބަދަލުކޮށް ޝަރުއީ ދާއިރާ އިން ބޭރުކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް ފޯނުން ވާހަކަދައްކައި އެދިވަޑައިގަތީ މަނިކުފާނުގެ ފޯނުން ގުޅައިގެންނޭ. މިއީ ކީއްވެގެން ކުރި ކަމެއްތޯއޭ؟ އުސޫލުތަކާ ޚިލާފުވި ކަމުގައި ވިޔަސް، ރައީސުލްޖުމްހޫިރއްޔާ އަޅުގަނޑާ ގުޅުއްވާފައި ވިދާޅުވީ ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެ ކޯޓުން ބޭރުކޮށްދޭށޭ،" ޑރ. އަފްރާޝީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެން ނަމަވެސް ގާޒީން މަގާމަށް އައްޔަންކޮށް ވަކިކުރަނީ ވަކި އުސޫލުތަކަކުން ކަމަށް ރައީސަށް ދެންނެވި ކަމަށެވެ. ނަމަވެސް އުސޫލުތައް އެއްފަރާތްކޮށްފައި ވެސް ގާޒީ އަބްދުﷲ ވަކިކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށް ޑރ. އަފްރާޝީމް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން އެއީ އުސޫލުތަކުން ވަކި އުސޫލަކުން ކުރެވޭ ކަމެކޭ. އަދި ބޭރުކުރެވޭނީ ވެސް ވަކި އުސޫލަކުންނޭ. ވިދާޅުވީ އުސޫލުތައް އެއްފަރާތްކޮށްފައި ވެސް އޭނާ އެއްލާލަދޭށޭ. މިއީ ޝަރުއީ ދާއިރާ ވަރުގަދަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ނޫން. އަޅުގަނޑުގެ ވާހަކަ އަކީ މި ކަހަލަ ކަންކަން މިއީ ހަގީގަތް ކަމަށްވަންޏާ ޝަރުއީ ދާއިރާ ވަރުގަދަކުރަން މަސައްކަތްކުރައްވާ ބޭފުޅުން މި ކަހަލަ ކަންތަކެއް ނުކުރައްވާނޭ،" ޑރ. އަފްރާޝީމް ވިދާޅުވި އެވެ.
ޖޭއެސްސީގެ މެމްބަރުކަމުން ޑރ. އަފްރާޝީމް ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ދެ ގަޑިއިރަށް ކުރި ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ޑރ. އަފްރާޝީމް އަދިވެސް މަސައްކަތްކުރައްވަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ ހިޔަނީގައި ކަމަށް ވެސް ބައެއް މެމްބަރުން ސިފަކުރެއްވި އެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަސްމީލްކުރައްވާ ބޭފުޅެއްގެ ގޮތުން ޑރ. އަފްރާޝީމަށް އެކަށީގެންވާ މަސައްކަތްކުރެއްވިފައި ނެތް ކަމަށެވެ. އެގޮތުން އޭނާ މަސައްކަތްކުރައްވާފައި ވަނީ މިނިވަން މުއައްސަސާއެއް ތަމްސީލުކުރާ ގޮތަށް ނޫން ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ޑީއާރުޕީ އާއި ސަރުކާރާ އިދިކޮޅު މެމްބަރުން ތިއްބެވީ ޑރ. އަފްރާޝީމް މިއަދުގެ ވޯޓުން ސަލާމަތްކޮށްދެއްވުމުގެ މަސައްކަތުގަ އެވެ. އެގޮތުން އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ޑރ. އަފްރާޝީމް ޖޭއެސްސީން ވަކިކުރަން އުޅެނީ ރީކޯމޫސާ މަނިކުގެ ޒާތީ މަގުސަދުތަކެއް ހާސިލްކުރަން ކަމަށެވެ.
ޖޭއެސްސީގައި އެތައް މެމްބަރުންނެއް ތިއްބަވާ އިރު އެންމެ މެމްބަރަކަށް ކަންކަން ބަދަލުކުރެވެންޏާ އެހެން މެމްބަރުންގެ ގާބިލްކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ސަރުކާރާ އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.
އުސޫލުތަކުގެ ބޭރުން ނަމަވެސް އަބްދުﷲ ގާޒީ ވަކިކުރުމަށް ރައީސް އެންގެވި: ޑރ. އަފްރާޝީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ