މައުމޫން އުޅުއްވަނީ ބާރުތައް ނުހޯއްދެވިގެން، އެއީ ރައްޔިތުންނަށްޓަކައި އުޅުއްވާ އުޅުއްވުމެއް ނޫން - ހާލާ ހަމީދު

ރައީސް މައުމޫން އަބްދުލް ގައްޔޫމް އުޅުއްވަނީ އަމިއްލަފުޅަށް ބާރުތަށް ނުހޯއްދެވިގެން ކަމަށާއި، އެއީ ރައްޔިތުންނަށްޓަކައި އުޅުއްވާ އުޅުއްވުމެއް ނޫން ކަމަށް ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަަފީރު ހާލާ ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަށާއި ރައީސް އަބްދުﷲ ޔާމީން އަށް ބޮޑުބޭބެ ވިދާޅުވާ ހާލާ މިއަދު ފޭސްބުކް ގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރާއްޖޭގެ ވެރިކަމުގައި ހުރީ ރައީސް މައުމޫނު ނޫންކަން އަމިއްލަ އަށް ބަލައިގަންނަން ޖެހޭނެ ކަމަށާއި ރައީސް ކަމުގައި ހުންނަވައި ކުރެއްވި ކަންކަން ހެޔޮހިތުން ބަލައިގަންނަ ކަމަށެވެ.
"މި ގައުމަށް ތަރައްގީ ގެނެސްދީ ސިޔާސިގޮތުން އެތަށް ބަދަލުކެއް ގެނައި، އަޅުގަނޑު ރައީސް މައުމޫނު އެކީ 18 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރިން، އަދި މައުމޫނުގެ އެންމެ ދަތި ހިތާމަވެރި ދުވަސްތަކުގައި ކައިރީގައި ސާބިތުވެ ހުރިން، އެގޮތުން 2005 ޖުލައި މަހުގެ ދުވަހެއްގައި އަހަރެން ގެނެސް ވިދާޅުވި އަޅުގަނޑުގެ ބައްޕަ ވަޒީރު ކަމުން ވަކިކުރި ވާހަކަ، އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި،" ހާލާ ލިޔުއްވާފައި އޮތެވެ.
އަދި އެކަން އެއްވެސް އުޒުރެއް އަދި ބަހަނާއަކާ ނުލައި އަބްދުﷲ ހަމީދު ގަބޫލުފުޅު ކުރެއްވިކަން ހާލާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިއަދު ވެސް ރައީސް މައުމޫނު އެގޮތަށް ކަންތަށް ކުރަން ޖެހޭނެ ކަމަށާއި ރައީސް ޔާމިން ފަދާ ޒުވާން، ކިޔަވައިގެން ހުރި ބޭފުޅަކަށް، ރައީސްކަން އެންމެ އެދެވޭ ގޮތަށް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ހޮވާފައި މިހުރީ ރައީސް ޔާމީން، އެހެންވީމަ އެއީ ރައީސް މައުމޫނުގެ އަމިއްލަ ލޭ ނޫނީ ގުޅުމެއް ނެތް ފަރާތެއް ވިޔަސް، މިވެރިކަމަށް ރައީސް މައުމޫނު އިހުތިރާމް ކުރަން ޖެހޭނެ،" ހާލާގެ ދިގު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ހާލާ ވިދާޅުވީ މިއަދު ކަންކަން ހިނގާގޮތުން، ވަރަށް ހައިރާން ވެއްޖެކަމަށާއި ރައީސް ޔާމީން ވަނީ މި ސަރުކާރުގައި ރައީސް މައުމޫންގެ ހަތަރު ދަރިންނަށް އިސް މަގާމުތަކެއް ދީފައިކަމަށެވެ. ނަމަވެސް އެ ލިބުނު ފުރުސަތުގެ ބޭނުން އެ ކުދިންނަށް ނުހިފުމަކީ ރައީސް ޔާމީންގެ މައްސަލައެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި މިހާރު ރައީސް މައުމޫން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ، ރައްޔިތުންނަށް ކޮށްދެއްވާ ކަންތައްތަކެއް ނޫން ކަމަށާއި، މިއީ އަމިއްލަ ބާރު ހޯދުމާއި އަދި ދަރިންނަށް ބާރު ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް، ހާލާ ވަނީ ތުހުމަތުކުރައްވާފައެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި އެމަނިކުފާނާއެކު ވެސް ހުންނެވި ކަމަށާއި، އަދި މިއަދު ހުންނަވާނީ ރައީސް ޔާމީންއާއެކު ކަމަށްވެސް ހާލާ ވިދާޅުވެފައިވެއެވެ.
ހާލާ އިތުރަށް ވިދާޅުވީ މިއަދު ޕީޕީއެމްގެ ތެރޭގައި ހިނގަމުންދާ ކޯޅުންތަކުގެ ސަބަބުން ވަރަށް ހިތް ނުތަނަވަސްވާ ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ގެންނަން ކުރި މަސައްކަތް މިއަދު ޕީޕީއެމްގެ ތެރެއިން ފެންނަން ނެތުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ