ބަޔަކު ފުލުހުންނަށް ހަމަލާ ދީފި ނަމަ ފުލުހުން އޭގެ ރައްދު ދޭނެ: އުމަރު
ދެ ގްރޫޕެއްގެ ދެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ކަމަށް ބުނެ ގ. މަސްއޮޑިގެއަށް ފުލުހުންގެ ބަޔަކު ވަދެ، ޒުވާނުންތަކަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. "ސަން" އިން ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، ފުލުހުން ދިޔައީ ގޭންގެއް ދިރިއުޅޭ ތަނަކަށް ކަމަށެވެ. އަދި ވިދާޅުވީ، ގޭންގެއްގެ ބަޔަކު ފުލުހުންނަށް ހަމަލާ ދިން ނަމަ އެކަމުގެ ރައްދު ފުލުހުން ދޭނެ ކަމަށެވެ. "ފުލުހުން އެ ރައްދެއް ނަގާ ނެގުމުގައި އެބަޔަކަށް ލިބޭ އަނިޔާއަކީ އެބަޔަކު އަމިއްލައަށް ލިބިގަންނަ އަނިޔާއެއް،" އުމަރު ވިދާޅުވި އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު: އުމަރު ވިދާޅުވީ ފުލުހުންގެ ބަޔަކު ވަދެ، ޒުވާނުންތަކަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ މިނިސްޓަރު އުމަރު ވިދާޅުވީ، އެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އަދި އެންއައިސީގެ ރިޕޯޓު ލިބުމުން އެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދެ ގްރޫޕެއްގެ ދެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ކަމަށް ބުނެ ގ. މަސްއޮޑިގެއަށް ފުލުހުންގެ ބަޔަކު ވަދެ، ޒުވާނުންތަކަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން މިހާރު ވަނީ އެދިފަ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެ މާރާމާރީއާ ގުޅިގެން 13 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ހުރިހާ އެންމެން ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީގައި ފުލުހުންގެ ބައިވެރިވުމެއް އޮތްކަން ހާމަވާނަމަ އެކަމުގައި ބައިވެރިވި ފުލުހަކާ ދޭތެރޭ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ