ޖުލައި މަހާ ހަމައަށް، ލަންކާގައި ކޮންމެ ދުވަހަކު ކަރަންޓު ކަނޑާނެ!

މި އަހަރުގެ ޖުލައި މަސް ނިމެންދެން ކޮންމެ ދުވަހަކުވެސް ގިނަ ވެގެން ދެ ގަޑިއިރުގެ ވަގުތަށް، ސްރީލަންކާގެ ހުރިހާ ހިސާބުތަކުން ކަރަންޓުގެ ހިދުމަތް ކަނޑާލެވޭނެ ކަމަށް ސިލޯން އެލެކްޓްރިސިޓީ ބޯޑުން ހާމަކޮށްފި އެވެ. ސްރީލަންކާގެ ކޮލޮމްބޯ ޑިސްޓްރިކްޓުގެ ބޭރުގައި އޮންނަ ބިޔާގަމަ ޓައުނުގައި ހުންނަ ކަރަންޓު ރިސީވިން ސެންޓަރުގައިވާ ޓްރާންސްފޯމަރެއްގައި ގޮވުމުގެ ސަބަބުން މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުން ފެށިގެން މެދުނުކެނޑި އަށް ގަޑިއިރު ވަންދެން މުޅި ސްރީލަންކާއިން އޮތީ ކަރަންޓު ކެނޑިފަ އެވެ. ކަރަންޓުގެ މައްސަލަ އަދިވެސް މުޅިން ހައްލު ނުކުރެވި ވާ އިރު، ލަންކާގެ ގައުމީ ޕަވާ ގްރިޑާއި ގުޅިފައިވާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ސިފައިން ނުކުތުމަށް ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ އަމުރު ކުރައްވައިފަ އެވެ. ސިލޯން އިލެކްޓްރިސިޓީ ބޯޑުން މިއަދު ބުނީ، ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ، ގެއްލުން ލިބިފައިވާ ތަކެތި މަރާމާތު ކުރުމަށްފަހު ކަމަށާއި، އެކަން ވަންދެން ކޮންމެ ދުވަކު ވެސް ގައުމުގެ އެކި ސަރަހައްދުތަކުން، ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ދެ ގަޑިއިރަށް ވުރެ ގިނަ ނުވާނެ މުއްދަތަކަށް ކަރަންޓު ކަނޑާލަމުން ގެންދާނެ ކަމަށެވެ. ސްރީލަންކާގައި ދިވެހީން އެންމެ ގިނަ އަދަދަކަށް ދިރިއުޅެނީ ކޮލޮމްބޯއާއި ދެހިވަލަ ގަ އެވެ. ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ލަފާ ކުރާ ގޮތުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންގެ އަދަދު 14،000 އަށް ވުރެ މަދެއް ނުވާނެ އެވެ. ދިވެހީންގެ އެންމެ ބޮޑު އާބާދީ އޮންނަ ދެހިވަލައާއި، ކައިރީގައި އޮންނަ ރަތުމަލާނައާއި ކޯއްޓޭ ސަރަހައްދުން ވެސް ކަރަންޓު ކެނޑޭނެ ކަމަށް ސީއީބީ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ