ގެއްލުމުގެ ބަދަލުގައި 10 މިލިއަން ހޯދަން މެމްބަރު ސަލީމް "ދިޔަރެސް"އާ ދެކޮޅަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު ސަލީމްއާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު ޚަބަރު ފެތުރިކަމަށް ބުނެ، "ދިޔަރެސް" ނޫހަށާއި ނޫހުގެ މަސްއޫލުވެރި ފަރާތުގެ މައްޗަށް ދައުވާކުރަން މެމްބަރު ސަލީމް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
އެކަމާއި ގުޅިގެން މެމްބަރު ސަލީމްގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 25 ވަނަ ދުވަހު ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ އޭނާއާ ގުޅުވައި ގަސްދުގައި ދޮގު މައުލޫމާތު ފަތުރައި، ގެއްލުން ދިނުމުގެ މަގުސަދުގައި ޝާއިއުކޮށްފައިވާ ލިޔުމެއް ކަމަށެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިއަދުއެވެ.
ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބަރަހަނާ މަންޒަރުތަކެއް ފެންނަ ވީޑިއޯއަކާ ހަވާލާދީ، އެވީޑިއޯއިން ނުފެންނަ މީހަކީ މެމްބަރު ސަލީމް ކަމަށް ލިޔެފައިވާއިރު، އެވީޑިއޯއިން ފެންނަ ކަމަށް ބުނާ މީހާއާއި އެކަމުގެ ހަގީގަތް ސާފުކުރުމުގެ ގޮތުން ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށް މެމްބަރު ސަލީމް ވަނީ ވިދާޅުވެފައެވެ.
އަދި، އެ ވީޑިއޯއަކީ ސޯޝަލް މީޑިއާގައި އެނބުރޭތާ އެތައް މަސްތަކެއް ފާއިތުވެފައިވާ ވީޑިއޯއެއްކަން އެތައް ބަޔަކަށް އެނގޭއިރު، ދިޔަރެސްއިން އެލިޔުން ލިޔެފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި، އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމެއްގައި ހަގީގަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުން ދިނުމުގެ މަގުސަދުގައި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ދިޔަރެސް ނޫހުން "ވީނިއުސް" އަށް ބުނީ، ލިޔުން ޝާއިއުކުރުމުގެ ކުރިން މެމްބަރުގެ ބަހެއް ހޯދުމަށް ގުޅުމުން ޖަވާބުދާރީވެފައިނުވާ ކަމަށާއި، ހަގީގަތް ސާފުކުރުމުގެ ގޮތުން ސުވާލެއްކޮށްފައި ނެތް ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި، ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް އިންސާފުވެރިކަމާއެކު އެކަން ނިމޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެހެންކަމުން ގެއްލުމުގެ ބަދަލުގައި މެމްބަރު ސަލީމް ހޯއްދަވަން ހުށަހަޅުއްވާފައިވާ 10 މިލިއަން ރުފިޔާ އެއްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން، ދިޔަރެސް ނޫހުގައި ޝާއިއުކުރި ދޮގު ލިޔުމާ ގުޅުވައިގެން މީސް މީޑިއާގައި އަދި އެނޫންވެސް ގޮތްގޮތުން އެ ބޮޑު ދޮގަކީ ހަގީގަތެއްކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި ފަރާތްތަކާމެދު ވެސް ވަކިވަކިން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މެމްބަރު ސަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ