ވިސާގެ ސައްހަކަން ކަށަވަރު ނުވާ ނަމަ ރެމިޓެންސް ޓެކްސް ނަގާނެ

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ބިދޭސީންގެ ތެރެއިން ވިސާގެ ސައްހަކަން ކަަށަވަރު ނުވާ ފަރާތްތަކުން ވެސް ރާއްޖެއިން ބޭޭރަށް ފައިސާ ފޮނުވާ ނަމަ ރެމިިޓެންސް ޓެކްސް ނަގަންޖެހޭ ގޮތަށް ހަދައި، ރެމިޓެންސް ޓެކްސްގެ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.
ވަޒީފާއާބެހޭ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހުގެ ދަށުން ބިދޭސީން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާއިރު ރެމިޓެންސް ޓެކްސް ދައްކަންޖެހެނީީ ވާކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވާކް ވިސާ ނެތި ރާއްޖޭގައި މަސައްކަތް ކުރުން މަނާ ބިދޭސީންނެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަދައި، މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފަށާފައިވާ ގަވާއިދު ބުނާގޮތުން ބޭރަށް ފައިސާ ފޮނުވާ ބިދޭސީ މީހާ ވާކް ވިސާ ނޫން އެހެން ވިސާއެއް ލިބިފައިވާ މީހެއްކަން ކަށަވަރު ނުވާ ނަމަ ނުވަތަ ސައްހަ ވިސާއެއް ކަން ނުވަތަ ވިސާގެ މުއްދަތު ހަމަނުވާ ކަން ކަށަވަރު ނުވާ ނަމަ އެ މީހެއްގެ އަތުން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެ އެވެ.
އެފަދަ މީހެއްގެ އަތުން ޓެކްސް ނެގިޔަސް އެ ފަރާތަކީ އެ ޓެކްސް ދައްކަން ނުޖެހޭ މީހެއްކަން އެ މީހަކު ސާބިތުކޮށްދީފި ނަމަ އެ މީހެއްގެ އަތުން ނެގި ޓެކްސް އަނބުރާ ދޭންޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދު ބުނާގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އިތުރުން ބިދޭސީއަކު ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުރި ފައިސާ ރާއްޖެއިން ބޭރުން ނަގާ ނަމަ އެކަމަށް ވެސް ރެމިޓެންސް ޓެކްސް ނަގަންޖެހޭނެ އެވެ. އެކަމަކު އެކަމަށް ޓެކްސް ނަގަން ފަށާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ ދުވަހަކުން ފެށިގެންނެވެ.
އެ ގަވާއިދު ބުނާގޮތުން ބޭރަށް ފައިސާ ފޮނުވަން ބޭންކްތަކާއި އޭޖެންސީތަކަށް ނަގާ ފީތަކަކީ ރެމިޓެންސް ޓެކްސް ހިސާބު ކުރުމުގައި ހިމެނޭނެ އަދަދެއް ނޫނެވެ. އަދި ރެމިޓެންސް ޓެކްސްއާ ގުޅޭގޮތުން މީރާ އަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަންޖެހޭނީ ވެސް އޮންލައިންކޮށް ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ