އެފްއޭއެމްގެ ޑެޕިއުޓީ ޖެނަރަލް ސެކްޓަރީ މަގާމަށް އަލީ އުމަރު

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން މާޗު މަހުގެ 13 ވަނަ ދުވަހު ވަކި ކުރެއްވި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު އެފްއޭއެމްގެ ޑެޕިއުޓީ ޖެނަރަލް ސެކްރެޓަރީ މަގާމަށް އައްޔަންކޮށްފިއެވެ. އެފްއޭއެމް އިން ޑެޕިއުޓީ ޖެނަރަލް ސެކްރެޓަރީއެއް އައްޔަންކޮށްފައިވާއިރު އެ އިދާރާގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުރީ ހުސައިން ޖަވާޒް (ޖަވާ)އެވެ.
އަލީ އުމަރު ދާދި ފަހުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފަރާތުން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމުގައި ވެސް ބައިވެރިވެފައެވެ. ބައްސާމް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަލީ އުމަރު ވަނީ މީގެ ކުރިން ބައްސާމުގެ ދަށުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގައި މަސައްކަތްކުރައްވާފައެވެ.
ފުޓްބޯޅައަށް ވަރަށް ގިނަ ހިދުމަތްތަކެއްކޮށްދީފައިވާ އަލީ އުމަރު ވަނީ އެފްއޭއެމްގެ ރައީސްގެ މަގާމް އަހުމަދު ތޯރިގް (ޓޮމް) ފުރުއްވިއިރު ނައިބް ރައީސްގެ މަގާމް ވެސް އަދާކުރައްވާފައެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފަށައި 2013 ވަނަ އަހަރު ކުޅުން ހުއްޓާލުމާއި ހަމަޔަށް މޮޅު ކުޅުންތެރިއެއްގެ ގޮތުން ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ އަލީ އުމަރު އަކީ 2008 ވަނަ އަހަރު ސާފްޗެމްޕިއަންޝިޕް ރާއްޖެއިން ހޯދި އިރު އެޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. މީގެ އިތުރުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތިން ވަނަ ރާއްޖެ ހޯދި އިރު ވެސް އަލީ އުމަރު އެޓީމުގައި ހިމެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ