ކްލެމެންސީ ބޯޑަށް މެމްބަރު ޝިފާއު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އައްޔަންކުރުމަށް މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށް ދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑަށްއިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އައްޔަނު ކުރެއްވުމަށް ފާސްކުރެވުނީ މިއަދު ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފަސްވަނަ ޖަލްސާއިންނެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކްލެމެންސީ ބޯޑަށް މަޖިލީހުން މެމްބަރެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުގެ ނަން ހުށަހަޅުއްވިއެވެ. އެކަމަށް ތާއީދު ކުރެއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ.
19 ވަނަ މަޖިލީހުގެ ފަރާތުން ކްލެމެންސީ ބޯޑަށް ޝިފާއު ކަނޑައަޅަން މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެމްބަރުންގެ އިއްތިފާގުންނެވެ.ޝިފާއުގެ ނަން ފިޔަވައި އިތުރު ބޭފުޅެއްގެ ނަމެއް ހުށަހަޅާފައެއް ނުވެއެވެ.
މަޖިލީހުގެ މެމްބަރަކާއެކު ކްލެމެންސީ ބޯޑުގައި ތިބެނީ 11 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ