އައްޑޫ ފްލައިން ސްކޫލް އަންނަ އަހަރު ބަންދުކުރަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލު އަންނަ އަހަރު ޖުލައި މަހު ބަންދުކުރާނެ ކަމަށް އެ ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން މިއަދު ބުނެފި އެވެ.
އޭއޭއޭގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ "މިހާރު" އަށް ވިދާޅުވީ ގަމުގައި ފްލައިން ސްކޫލު ހިންގަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހު ހަމަވާނެ ކަމަށެވެ. އެ އެއްބަަސްވުން އާކުރަން އޭއައިއޭ އާ ކުރި މަޝްވަރާތައް ނާކާމިޔާބުވެގެން ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްބަސްވުން އާކޮށްދޭން އޭއައިއޭއިން ކިޔަނީ މާ ބޮޑު ކުއްޔަކަށް، އަކަ ފޫޓަކަށް މަަހަކަށް 12 ރުފިޔާ ދައްކަން ޖެހޭ ގޮތަށް. މިއީ ޓޫރިސްޓު ހޮޓާތަކުން ވެސް ނުނަގާ ވަރުގެ ކުއްޔެއް. އެހެންވެ އެ މަޝްވަރާތައް މިހާރު ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.
ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ އިރު، މިހާރު ތިބި ބައެއް ދަރިވަރުންގެ ތަމްރީނުތަކެއް ނުނިމެ އެވެ. އެހެންވެ އެ ތަމްރީނުތައް ނިންމަން އޭއައިއޭ އިން ވަނީ އަންނަ އަހަރުގެ ނިޔަލަށް ފްލައިން ސްކޫލު ހިންގުމުގެ ފުރުސަތު ދީފަ އެެވެ. އެކަމަކު ސޫރަންޖަން ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ފްލައިން ސްކޫލު ބަންދުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ނިންމައިގެން މިތިބީ އަންނަ ޖުލައިގައި އެހެން ގައުމަކަށް ބަދަލުވާން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން އާ ނުކުރި ހަމަ އެކަނި ސަބަބަކީ ބިމު ކުލީގެ ގޮތުގައި ނަގަން އޭއައިއޭއިން ހުށަހެޅި އަގު ބޮޑުވުމެވެ.
އައްޑޫ ފްލައިން ސްކޫލު ބަންދުކުރަން ތައްޔާރުވަމުން އަންނަ އިރު އެތަނުގައި ތަމްރީނު ހަދާ ދިވެހި ދަރިވަރުންނާ މެދު އިހާނެތި ގޮތަކަށް ކަންތައް ކުރާ ކަމުގެ ޝަކުވާ ބައެއް ބެލެނިވެރިން އަންނަނީ ކުރަމުންނެވެ. އެންމެ ބޮޑު ޝަކުވާ އަކީ ދެ އަހަރެއްހާ ދުވަހުން ނިންމާލެވޭ ކޯސް ފަސް އަހަރު ހަ އަހަރަށް ދިގުލައިގެން ގޮސް، މާލީ ގޮތުން ބޮޑެތި ގެއްލުންތައް ވަމުން ދިއުމެވެ.
ބެލެނިވެރިންގެ އެ ޝަކުވާތައް ސޫރަންޖަން ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޯހެއް ނުނިމި ލަސްވި ދަރިވަރެއް ނަމަ ލަސް ވެފައި ވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ އިހުމާލުން ކަމަށެވެ. އެގޮތުން ބަރާބަރަށް ފީ ނުދެއްކުމާއި ހާޒިރު ނުވުމުގެ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ