އުމަރު އެމްޑީޕީއަށް: އެމްޑީޕީން އެންމެ ބޮޑަށް ދެއްކީ އާއިލީ ވެރިކަމުގެ ވާހަކަ، މިއަދު މިޖެހުނީ ކޮންތާކުތޯ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އާއިލީ ވެރިކަމެއް ކުރައްވާ ކަމަށް ބުނެ އެމްޑީޕީން ފާޑު ކިޔާފައިވަނިކޮށް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ނިންމުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ރައީސް މައުމޫނާއި އިލްޔާސް އިބްރާހީމާއި އަލްމަރުހޫމު އަބްދުﷲ ހަމީދު، ގައުމު ހިންގެވި ދުވަސްވަރު އެމްޑީޕީން ދެއްކީ އާއިލީ ވެރިކަމުގެ ވާހަކަ ކަމަށެވެ.
''މިއަދު މިޖެހުނީ ކޮންތާކުތޯ. އާއިލާއިން ބޭރު މީހަކަށް އެއްވެސް ފުރުސަތެއް ނެތް މިސަރުކާރުގައި. ސަރުކާރުގެ ކަށްވަޅު މިމީހުން އަމިއްލައަށް ކޮންނާނެ. މިފަހަރު އަޅުގަނޑުމެންނަށް ޖެހޭނީ އުދަލި ދިއްކޮށްލަން.'' އުމަރު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި، މައުމޫންގެ އާއިލާގެ ބޭފުޅުންނަށް ސަރުކާރުގެ އިސްމަގާމުތައް ދެއްވާފައި ވެއެވެ. އެގޮތުން އެމަނިކުފާނުގެ ކޮއްކޯފުޅު އަލްމަރުހޫމު އަބްދުﷲ ހަމީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ވަޒީރުކަންވެސް ކުރައްވާފައެވެ. އަދި އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އިލްޔާސް އިބްރާހީމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހަމްދޫން ހަމީދަކީ ދައުލަތުގެ ވަޒީރުކަން އެދުވަސްވަރު ކުރެއްވި ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ