ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިފި ނަމަ އެއީ ސަރުކާރަށް ލިބޭނެ ޕްލަސް ޕޮއިންޓެއް ކަމަށާއި އެމްޑީޕީ އަށް ލިބޭނެ "ވަރަށް ބޮޑު ހީނަރު ކަމެއް" ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނެވި ނަޝީދަށް އިނގިރޭސި ސަރުކާރުން ހިމާޔަތް ލިބިފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ހާމަކުރި ނަމަވެސް އުމަރު ވިދާޅުވީ އެކަން ސަރުކާރަށް "އެނގިފައި ނުވާ" ކަމަށެވެ. އެކަމަކު ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން ނަޝީދު އެދިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ކަރެކްޝަނަލް ސާވިސްގައި އެދިފައި އޮންނާނީ އަޅުގަނޑުގެ އަތަށް މެޑިކަލް ރެކޯޑްސްތަކާ އެއްޗެހި ގެންނާށޭ. އެއަކަށް ވަކި ގޮތެއް ނުނިންމާ. ވަރަށް އަވަހަށް ގޮތެއް ނިންމާނަން،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: ނަޝީދު ހިމާޔަތް ހޯއްދެވިކަން ސަރުކާރަށް ރަސްމީކޮށް އެނގިފައި ނުވާ ކަމަށް ވިދާޅުވި. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މިއަދު ކޮން ކަމެއްތޯ އެމްޑީޕީ އަށް ހުރަސްއަޅަނީ އެ ޕާޓީގެ ޖަލްސާއެއް ބާއްވަން މިސާލަކަށް. ކީއްވެތޯ ކާނިވަލުގައި، އާޓިފިޝަލް ބީޗުގައި ހަފުތާއަކު އެއް ފަހަރު ޖަލްސާއެއް ނުބޭއްވެނީ. އަޅުގަނޑުމެން ހުރަސްއަޅާތީތޯ، ނޫން އަޅުގަނޑުމެން ހުރަހެއް ނާޅަން. އެއީ ކަލްޓުގެ ވެރިމީހާ ނެތީމަ. --އުމަރު
ނަޝީދަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނަޝީދު ސިޔާސީ ހިމާޔަތް ހޯއްދެވުމުން އެކަމުގެ ގެއްލުން ލިބޭނީ އެމްޑީޕީ އަށް ކަމަށެވެ.
"އެމްޑީޕީގެ އެކްޓިވިޓީސްތައް މަދުވެ، ވަޅުޖެހުނު ވަރަކަށް ސަރުކާރަށް ފަސޭހަވާނެ. އެގޮތުން ބަލާއިރު އެއީ ސަރުކާރަށް ލިބޭ ޕްލަސް ޕޮއިންޓެއް،" ނަޝީދު ސިޔާސީ ހިމާޔަތް ހޯއްދެވުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ވެސް ވާން ޖެހޭނީ ވަކި މީހެއްގެ ޕާޓީއަކަށް ނޫން ކަމަށެވެ. އެކަމަކު ޑިމޮކްރަސީއޭ ކިޔައިގެން މޮޅު ވާހަކަ ދައްކާއިރު، އެމްޑީޕީ އަކީ އުމަރު ސިފަކުރެއްވި ގޮތުގައި، ނަޝީދު ވަށައިގެން އެނބުރޭ ޕާޓީ އެކެވެ.
"އޭނަ ނެތީމަ ނެތުނީ، އޭނަ ހުރީމަ ހުރީ. މިއަދު ކޮން ކަމެއްތޯ އެމްޑީޕީ އަށް ހުރަސްއަޅަނީ އެ ޕާޓީގެ ޖަލްސާއެއް ބާއްވަން މިސާލަކަށް. ކީއްވެތޯ ކާނިވަލުގައި، އާޓިފިޝަލް ބީޗުގައި ހަފުތާއަކު އެއް ފަހަރު ޖަލްސާއެއް ނުބޭއްވެނީ. އަޅުގަނޑުމެން ހުރަސް އަޅާތީތޯ، ނޫން އަޅުގަނޑުމެން ހުރަހެއް ނާޅަން. އެއީ ކަލްޓުގެ ވެރިމީހާ ނެތީމަ،" އުމަރު ވިދާޅުވި އެވެ.
އެމްޑީޕީގެ އެކްޓިވިޓީސްތައް މަދުވެ، ވަޅުޖެހުނު ވަރަކަށް ސަރުކާރަށް ފަސޭހަވާނެ. --އުމަރު
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. -- ފޮޓޯ: އަހްމަދު އާޒިމް (އަންޖު)
މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް ނަމަ ހުރިހާ ލީޑަރުން ކުރިއަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ. އެމްޑީޕީ އަށް "މި ހާލަތު" ޖެހިފައި ވަނީ އެކަކުގެ މައްޗަށް ބަރޯސާވުމުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން "ރެފިއުޖީ ސްޓޭޓަސް" ނުވަތަ ސިޔާސި ހިމާޔަތް ހޯއްދެވިކަން އިއުލާން ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން އެ މަނިކުފާނާއި ރާއްޖެ އިން ބޭރުގައި އަމިއްލަ އަށް އަރުވާލެވިގެން ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނަށް މިވަގުތު އެ ނޫން ގޮތެއް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދިނީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށެވެ. އެކަމަކު އެމަނިކުފާނަށް ދިން މުއްދަތު ހަމަވެފައިވާތީ، އެނބުރި ގައުމަށް ވަޑައިގަތުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.
ނަޝީދުގެ "ހިމާޔަތް" އެއީ ސަރުކާރަށް ޕްލަސް ޕޮއިންޓެއް، އެމްޑީޕީ އަށް ހީނަރު ކަމެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ