ރައީސް މައުމޫނު ހުންނެވީ ލަންކާގައި، ހާލު ރަނގަޅު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއިލާއެކު ހުންނެވީ ސިރީލަންކާގައި ކަމަށާއި ހުރިހާ ބޭފުޅުންގެވެސް ހާލު ރަނގަޅުކަމަށް، ރައީސް މައުމޫނުގެ އަރިސް ބޭފުޅެއްކަމަށްވާ އަބްދުލްއަލީމް ވިދާޅުވެއްޖެއެވެ.
އަލީމް ވިދާޅުވީ، ރައީސް މައުމޫނާއި ނަސްރީނާ އިބްރާހިމްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުވެސް ހުންނެވީ ދަރިންނާއެކު ލަންކާގައެވެ. ހުރިހާ ބޭފުޅުންގެ ވެސް ހާލު ރަނގަޅުކަމަށް އަލީމް ވިދާޅުވެއެވެ. އަދި ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ ތިއްބެވި އެއްވެސް ސަރަހައްދަކަށް ހަމަލާ ނުދޭކަމަށްވެސް އަލީމް ވިދާޅުވިއެވެ.
ރައީސް މައުމޫނު ވަޑައިގަންފާފައިވަނީ މިމަހު 17 ވަނަ ދުވަހުއެވެ.
ލަންކާގައި ދިން ބޮމުގެ އަށް ހަމަލާގައި 180 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ހަމަލާތައް ދީފައިވަނީ ލަންކާގެ މަޝްހޫރު ހޮޓާތަކުގެ އިތުރުން ޗާޗުތަކަށެވެ. ހެނދުނު ހަ މަލާއެއް ދީފައިވާއިރު، މެންދުރު ފަހު ވަނީ ދެ ހަމަލާއެއް ދީފައެވެ.
ލަންކާގައި މިވަގުތު ދިރިއުޅޭ ދިވެހިން މަގުމައްޗަށް ނުނިކުތުމަށް ލަންކާގައި ހުންނަ ކޮލޮމްބޯ އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިވެހިން ހާލުގައި ޖެހިއްޖެނަމަ ގުޅާނެ ހޮޓްލައިންތަކެއްވެސް ވަނީ ގާއިމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ