ޕާކިސްތާނާއި ސައުދީއިން ކިޔަވައިގެން އަންނައިރު ދީނީ ހަރުކަށި ހިޔާލު ގެންގުޅޭކަމަށް މައުމޫނު ވިދާޅުވި: ވިކިލީކްސް

ދިވެހިން ޕާކިސްތާނާއި ސައުދީ އަރަބިއްޔާއިން ކިޔަވައިގެން އަންނައިރު ދީނީ ހަރުކަށި ހިޔާލު ގެންގުޅޭކަމަށް މައުމޫނު ވިދާޅުވި ކަމަށް ވިކިލީކްސް އިން އާންމު ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.އެމެރިކާ ހާރިޖިއްޔާގެ ސިއްރު ލިޔުންތަކެއްކަމަށް ބުނެ ވިކިލީކްސްއިން ލީކް ކޮށްފައިވާ ލިޔުންތަކަކީ 2006 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އޭރު ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި އެމެރިކާގެ ސަފީރު ރޮބާޓް ބްލޭކްއާއި އެކު ބޭއްވެވި 20 މިނެޓުގެ ބައްދަލު ވުމެކެވެ. ލިޔެކިޔުންތަކުގައި ވަނީ “ދިވެހިން ޕާކިސްތާނާއި ސައުދީ އަރަބިއްޔާއިން ކިޔަވައިގެން އަންނައިރު ދީނީ ހަރުކަށި ހިޔާލު ގެންގުޅޭ ކަމަށާއި ދީނީ ހަރުކަށި ހިޔާލުގެ މީހުން ‘އެނބުރި ފަހަތަށް ދާން’ ބޭނުންވާ” ކަމަށެވެ. އަދި “އެފަދަ ހަރުކަށި ހިޔާލުތައް ގެންގުޅޭ މީހުންގެ މައްސަލާގައި ކަންބޮޑުވެ، ހިތާމަ ކުރައްވާ”ކަމަށް ރައީސް މައުމޫނު ވިދާޅުވިކަމަށެވެ.ރަސްމީ އިދާރާތަކުގެ ‘ސިއްރު’ ލިޔުންތަކުގައިވަނީ އޭރުގެ ރައީސް އާއި އެމެރިކާގެ ސަފީރު ރޮބާޓް ގެ ބައްދަލުވުމުގައި ރާއްޖޭގައި ދީނީ ހަރުކަށި ސިޔާސަތުގެ މީހުން އިތުރުވަމުން އަންނަ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވާއިރު އެކަމަށް ރައީސް މައުމޫނު ކަންބޮޑުވުން ފާޅު ކުރައްވާފައިވާކަމަށްވެސް ވެއެވެ. މީގެ އިތުރުން މައުމޫނު ދެއްކެވި ވާހަކަ އަށް އިޝާރާތް ކޮށް އެލިޔުންތަކުގައިވަނީ “ރާއްޖޭގެ ހާލަތު ރަނގަޅު ނޫން ކަމަށާއި، ރާއްޖެއަކީ އަބަދުވެސް މެދު މިނުގެ އިސްލާމުން ދިރިއުޅޭ ގައުމެއް ކަމަށް” މައުމޫނު ވިދާޅުވެފައިވާކަމަށާއި އެ މައްސަލަތައް ހައްލު ކުރަން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން ސުވާލު ކުރުމުން، މީޑިއާ މެދުވެރިކޮށް އިސްލާމު ދީނަކީ ހަރުކަށި ދީނެއް ނޫން ކަމަށާއި، އިސްލާމް ދީނަކީ ކެތްތެރި ކަމުގެ ދީނެއް ކަން އަންގައި މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް” ރައީސް މައުމޫނު ވިދާޅުވި ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.ވިކިލީކްސް އިން ލީކް ކުރި ލިޔުންތަކުގައިވާ ގޮތުގައި “ރައީސް މައުމޫނުގެ އިތުރުންވެސް ސަރުކާރުގެ އެހެނިހެން ވެރިންނާއި ސަރުކާރުގައި ނޫޅޭ ބައެއް މީހުންވެސް ދީނީ ހަރުކަށި ފިކުރުގެ މީހުން ގިނަވަމުން އަންނަ ކަމަށް ވިދާޅުވި”ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ