އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް އެކުލަވާލުމުން ދާއިރާގެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރ އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުގެ އެނިންމެވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އޭނާއަށް ލިބިގެންދާނެ ކަމަށެވެ. އަދި ސާބިތުކަމާއެކު މަޖިލީހުގައި މަސައްކަތް ކުރައްވާނެކަން ހާމަކުރައްވައި އަބްދުﷲ ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ރައްޔިތުންނަށް ފައިދާކުރާނެ ކަންކަން ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި އަންނަ އަހަރު ވެގެންދާނީ ދާއިރާގެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބިގެންދާނެ އަހަރަކަށެވެ.
މީގެއިތުރުން މަޖިލީހުގައި އޭނާ ތަމްސީލުކުރައްވަމުން ގެންދެވި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި، އަބްދުﷲ ވިދާޅުވީ އޭނާއަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނު މީހާއެވެ. ނަމަވެސް ހައްގުގެ މަގުގައި މަސައްކަތް ކުރުމުން ކޮންމެ މީހަކަށް ވެސް ކާމިޔާބު ލިބިގެންދާނެކަން ސުޕްރީމް ކޯޓުގެ ހުކުމުން ހާމަވެގެން ހިނގައްޖެކަމަށް އޭނާ ވިދާޅުވިއެވެ.
'' އަޅުގަނޑަކީ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނު އެކަކު. މިއަދުގެ ހުކުމާއެކު ދާއިރާގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ. މިހުރިހާ ދުވަހު އަޅުގަނޑުގާއި ދާއިރާގެ ރައްޔިތުންގެ އެތައް ހައްގުތަކެއް ވަނީ ނިގުޅައިގެންފައި.'' ޢަބްދުﷲ ވިދާޅުވިއެވެ. ޢަބްދުﷲގެ ވާހަކައިގައި އިސްލާހަށް މަސައްކަތް ކުރެއްވި ސިޔާސީ ހުރިހާ ބޭފުޅުންނަށް ވަނީ ޝުކުރު ދަންނަވާފައެވެ.
ސުޕްރީމް ކޯޓުން މިއަދުކުރި ހުކުމުގައި ވިދާޅުވެފައިވަނީ ޢަބްދުﷲގެ ގޮނޑި ގެއްލިފައިވާކަމަށް އީސީން ކަނޑައަޅާފައިވަނީ އެންޓިޑިފެކްޝަންގެ ގާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ގޮނޑިގެއްލޭ ހާލަތަށް ނުފެތެނީސް ކަމަށެވެ. އަދި ޤާނޫނީ ހަމަތަކަށް ބަލާއިރު އަބްދުﷲ މުހައްމަދު ވަނީ 10 ޖުލައި 2017 ގައި ޕީޕީއެމްގެ މެންބަރު ކަމުން ވަކިވެފައި ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.
އަބްދުﷲ މުހައްމަދު ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 5 ވަނަ ދުވަހުއެވެ.
އަންނަ އަހަރުގެ ބަޖެޓުން ދާއިރާގެ ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ: ޢަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ