ރާއްޖެ ދުށް ވަރުގަދަ ސިޔާސީ ފަހުލަވާނުންގެ ތެރޭގައި އިބްރާހިމް ނާސިރުގެ ނަން ނުހިމެނިއެއް ނުދާނެއެވެ. ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ އެ ނަން ދިވެހި ގައުމުގައި އަދިވެސް އޮތީ ފިޔަޖަހަ ޖަހައެވެ. ދިވެހިން ބޭނުންވާ މިނިވަންކަން ހޯއްދަވައިދެއްވުމާއި ދިވެހި އިގްތިސާދު މިނިވަންކޮށްދެއްވުމުގެ އިތުރުން އެމަނިކުފާނު ގެންގުޅުއްވި ބައެއް ސިޔާސަތުތަކަކީ ދިވެހިން އަދިވެސް އެކަމަކަށް ސަނާ ކިޔަމުން އަންނަ ކަންކަމެވެ.
ނާސިރު އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 2، 1926 ގައި ފުވައްމުލަކުގައެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ ވެލާނާގޭ އަހުމަދު ދީދީ އެވެ. މަންމާފުޅަކީ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މޫސާ ދީދީގެ އާއިޝާ ދީދީއެވެ. ރިޔަލު ދޯނި ދުއްވުމާއި, ރޭގަނޑު މަސްވެރިކަންކުރުމާއި, ގޯތިތެރޭގައި ގަސްހެއްދުމަކީ އިބްރާހިމް ނާސިރު ޝައުގުވެރިކަން ހުންނަ ކަންކަމެވެ.
ކަރިއްޔާ އާއިލާގެ އުސްތާޒުންގެ އަރިހުން އުނގެނި ވަޑައިގަތުމަށްފަހު މާލެ ވަޑައިގެން، މަދަރުސަތުއްސަނިއްޔާއިން އިބްރާހީމް ނާސިރު ތައުލީމު ހާސިލް ކުރެއްވެވިއެވެ. އެއީ މިހާރުގެ މަޖީދިއްޔާ ސްކޫލެވެ. އެއަށްފަހު މީލާދީން މާޗް 23، 1945 ގައި ދައުލަތުން ފޮނުވި ތާލިބުންކޮޅެއްގެ ތެރޭގައި އެމަނިކުފާނު ވަޑައިގަތީ ސިލޯނަށެވެ. ނާސިރު ތައުލީމު ހާސިިލް ކުރެއްވީ ސެންޓް ލޯރެންސް ސްކޫލުންނެވެ. އެއަށްފަހު އެނބުރި މާލެ ވަޑައިގަތީ ޖެނުއަރީ 18، 1949 ގައެވެ.
އިބްރާހީމް ނާސިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ދިވެހިރައްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމުގައި އެއިރު ހުންނެވި ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނު އިސްތިއުފާދެއްވުމުންނެވެ. ކިލެގެފާނު އިސްތިއުފާ ދެއްވީ ޑިސެމްބަރު 11، 1957 ގައެވެ. ހަމަ އެ ދުވަހު ހަވީރު ރަދުންގެ އަމުރުފުޅަށް ރައްޔިތުންގެ މަޖްލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުނެވެ.
އިބްރާހީމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކަކީ ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް އުފެއްދެވުމާއި އައްޑޫ ގަން ސަތޭކަ އަހަރަށް ކުއްޔަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނެވުމާއި ދެކުނު ތިން އަތޮޅުގައި އުފެދުނު ސްވާދީވް އައިލެންޑްސްގެ ސަރުކާރު އުވާލެއްވުމާއި ދިވެހިރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުމެވެ. މީގެ އިތުރުން ވޯރާ ވިޔަފާރިވެރިން ރާއްޖެ އިން ފޮނުވާލައި، ދިވެހި އިގްތިސާދު މިނިވަންކޮށްދެއްވުމަށް ޓަކައި އެމަނިކުފާނު އަމިއްލަފުޅަށް އިސް ނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅު ހިމެނެ އެވެ.
މީލާދީން 1857 ވަނަ އަހަރުގެ މެދުތެރޭގައި ވޯރާއިން ރާއްޖެ އައިސް ކުރީ "ފޭރިކާ ވިޔަފާރި"އެވެ. ދިވެހިންނަށް ދެމުން ދިޔައީ ބޮޑު ގެއްލުމެވެ. 1959 ވަނަ އަހަރު ވޯރާއިންގެ ވިޔަފާރި ހުއްޓާލުމަށް ނާސިރު ކުރިމަތިލައްވާ ގާތްގަނޑަކަށް 105 އަހަރަށް ދެމިގެންދިޔަ މި ވިޔަފާރި އޯގަސްޓް 1، 1962 ގައި ނާސިރު މުޅިން ހުއްޓުވާލިއެވެ.
މުހައްމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔާއެއްތޯ ބަލަން ނެގި އާއްމު ވޯޓަކުން ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރިއްޔަތެއް ކަމަށް ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުން ފާސްވުމާ އެކުގައެވެ.
ރައްޔިތުން ވެރިކަމަށް ގެނައި ބަދަލެއްގެ ގޮތުން ނާސިރު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ގޮތުގައި ހަމަޖެހުނީ ނޮވެމްބަރު 11، 1968 ގައެވެ. ވެރިކަމުގައި ހުންނަވައިގެން ރައީސް އިބްރާހީމް ނާސިރު ދިވެހި ގައުމަށް ވަނީ އެތައް ހިދުމަތެއް ކޮށްދެއްވާފައެވެ.
އޭގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ހިދްމަތްތަކުގެ ތެރޭގައި އެސް.ޓީ.އޯ އުފެއްދުމާއި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރުމާއި ރޯމަސް ގަތުމުގެ ވިޔަފާރި ފެށިއެވެ. ފެލިވަރު ކޭނަރީ އުފައްދައި، މަސްދޯނި ފަހަރުގައި އިންޖީނު އެޅުމާއި އެއަރ މޯލްޑިވްސް އާއި ޝިޕިން ލައިނެއް އުފެއްދެވުން ހިމެނެއެވެ. އަދި އިނގިރޭސި މީޑިއަމަށް ތައުލީމު ދިނުން ފެށި، ޓީވީ މޯލްޑިވްސްއާއި ރޭޑިޔޯ މޯލްޑިވްސް އުފެއްދެވިއެވެ. ކޭބަލް އެންޑް ވަޔަލެސްއާ ގުޅިގެން އާތް ސްޓޭޝަން އުފައްދައި ވޯކީޓޯކީ އާއި ރޭޑިޔޯ ޓެލެފޯން ތައާރަފް ކުރައްވައި ރާއްޖޭން ބޭރަށް ފޯނުން ގުޅައި، ޓެލެފޯން އާއްމު ކުރައްވައި ކަރަންޓްގެ ހިދުމަތް ފުޅާ ކުރެއްވިއެވެ.
މީގެއިތުރުން އދ. ގައި ބައިވެރިވެ ޑަބްލިޔޫ އެޗް އޯ ފަދަ ޖަމާއަތްތަކުގައި ބައިވެރިވެ ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރެއްވިއެވެ. ވޯލްޑް ބޭންކާއި އައި.އެމް.އެފް ގައި ބައިވެރިވެ ރާއްޖޭގައި ބޭންކިން ހިދުމަތް ފެއްޓެވިއެވެ. މާލޭގައި ބިން ހިއްކަން ފެށީ ވެސް ނާސިރުގެ ދައުރުގައެވެ.
އިބްރާހީމް ނާސިރު: ވަރުގަދަ ލީޑަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ