އެކައުންޓެއްގައި ފައިސާ ހުރުމަކީ ފުލުހަށް ގެންދަން ޖެހޭ ސަބަބެއް ނޫން - ރައީސް ޔާމީން

އެކައުންޓެއްގައި ފައިސާ ހުރުމަކީ އެމަނިކުފާނު ފުލުހަށް ގެންދަން ޖެހޭ ސަބަބެއް ނޫން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
މިއަދު ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދައުލަތުގެ ފައިސާއެއް ބޭނުން ނުކުރައްވާ ކަމަށާއި އެކަން އެއީ ކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ.
ހަމައެހެންމެ، ސަރުކާރުގެ ހަޒާނާއިން ފައިސާ ބޭނުންކުރި ގޮތް ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ކުރުން އާންމުވެފައި ވުމަކީ ހިތާމަހުރި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކައުންޓެއްގައި ފައިސާ ހުރުމަކީ އަޅުގަނޑު ގެންދަން ޖެހޭ ސަބަބެއް ވެސް ނޫން، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އަޅުގަނޑުގެ އެކައުންޓަށް ޖަމާވެފައި ވާތީ، އެކަމާ ވެސް ފުލުހުން ސުވާލު ކުރި" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ އަކީ، އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކަށް ވާތީ، އަދި އެކަމުގެ މީގެ ކުރިން އޭސީސީއަށް ބަޔާނެއް ދީފައި ވާތީ އެ މައުލޫމާތު އޭސީސީއިން ސާފުކުރުމަށް އެދުނު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ފުލުހުން ތުހުމަތު ކުރާ ކަމެއް އަދި ސާފެއް ނުވާ ކަމަށެވެ.އެމަނިކުފާނާއި ސުވާލު ކުރީ ދެ ކަމެއްގައި ކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ އެމަނިކުފާނު އިންތިހާބުގެ އެކައުންޓަކަށް ވަތް ފައިސާ މައްސަލައިގައި އާއި އަނެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޗެކެއްގެ މައްސަލައިގައި ކަމަށެވެ.
"ފުލުހުން އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރައްވާ ކަމެއް އަދި ސާފެއް ނޫން, މިއީ ސިޔާސީ މައްސަލައެއް. އަޅުގަނޑު މި ހުރީ މައްސަލަތަކުގައި އެއްބާރު ދޭން ތައްޔާރު. ފުލުހުން ވިދާޅުވީ މި މައްސަލައަކީ ކުރިއަށްދާ މައްސަލައަކަށް ވާތީ އަދިވެސް ހާޒިރު ކުރަން ޖެހިދާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ