ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެއްޖެ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ރ.އަތޮޅުން ފެށިގެން އުތުރުގެ ހުރިހާ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ފުރަތަމަ ވައިޓް އެލާޓް ނެރުނީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ނަމަވެސް އޭގެ ފަހުން މިހާރު ވަނީ ރ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ އަދި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައިޖެހޭނީ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެބާރުމިނުގައި ކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާާރާ އިން ވިދާޅުވިއެވެ.
ދެކުނުގެ ކަނޑުތަށް ގަދަވާނެ، މެދުތެރޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ