ސަލްޓަންސް އިން ގެނައި ލޯންޗްތަކުގެ އަގު އޮޅުވާލި ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް

ސަލްޓަންސް އޮފް ދަ ސީސް އިން ގެނައި ދެ ލޯންޗެއްގެ މައުލޫމާތު އޮޅުވާލި ކަމަށް ބުނެ އެ ކުންފުނި ޖޫރިމަނާކުރުމަށް ކަސްޓަމްސްއިން ނިންމި ނިންމުން ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް ދައުލަތުން އެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އާއިލީ މަސްލަހަތު އޮންނަ ސަލްޓަންސް ޖޫރިމަނާކުރުމަށް ކަސްޓަމްސްއިން ނިންމާފައިވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު އެ ކުންފުނިން ގެނައި ދެ ލޯންޗެއްގެ މައުލޫމާތު އޮޅުވާލައި އޭގެ ހަމަ އަގަށްވުރެ ދަށް އަގެއް ކަސްޓަމްސްއަށް ހުށަހެޅި ކަމަށް ބުނެފަ އެވެ. އެ މައްސަލައިގައި ސަލްޓަންސް 110.2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ މިދިޔަ އަހަރު ބާތިލްކޮށްފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް އަހުމަދު އުޝާމް ވިދާޅުވީ ސަލްޓަންސް ޖޫރިމަނާކުރުމަށް ނިންމާފައި ވަނީ އެ ދެ ލޯންޗްގެ މައުލޫމާތު އޮޅުވާލިކަން ތަހުގީގަށް ސާބިތުވެފައި ވާތީ ކަމަށެވެ. އަދި އެ މައްސަލައިގެ ފައިލް ބަންދުކުރުމަށް ފަހު އެ ފައިލް އަލުން ހުޅުވައިގެން އަލުން މައްސަލަ ނުބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި ވާއިރު އެގޮތަށް ކަނޑައަޅާފައި ވަނީ ގާނޫނީ ކޮން ހަމަޔަކުންކަން އެނގެން ނެތް ކަމަށް އުޝާމް ވިދާޅުވި އެވެ. މީގެ އިތުރުން ސަލްޓަންސްއިން އަމަލުކޮށްފައި ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލައިގައި އޭރުގެ ކަސްޓަމްސްގެ ވެރިޔާ އިބްރާހިމް ޝާފިއުވެސް އަމަލުކޮށްފައި ވަނީ ކަސްޓަމްސްގެ އާންމު އުސޫލުތަކާ ހިލާފަށް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އަދި ސަލްޓަންސްއިން އެތެރެކުރި ދެ ލޯންޗަކީ މުޅިން އައު ދެ ލޯންޗް ކަން އެނގިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އެ މައުލޫމާތު ސާފުކުރުމުން ކަމަށާއި އޭގެ ކުރިން ސަލްޓަންސް އިން ކަސްޓަމްސްއަށް ފޮނުވާފައިވާ ލިޔުމުގައި ދެ ލޯންޗަކީ ކުރިން ބޭނުންކޮށްފައިވާ ދެ ލޯންޗް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އެ މައްސަލައިގައި ދަށު ކޯޓުންކޮށްފައިވާ ހުކުމް ރަނގަޅުކަމަށް ކަނޑައަޅައި ދިނުމަށް އުޝާމް އެދިވަޑައިގަތެވެ. އެ ދެ ލޯންޗަކީ މުޅިން އައު ދެ ލޯންޗްކަން ބޭންކްގެ ލިޔުމުގައި ސާފުކޮށް އެނގެން އެބައޮތްތޯ، ރިއާސަތުގައި އިންނެވި ފަނޑިޔާރު އަލީ ހަމީދު ސުވާލުކުރެއްވުމުން އުޝާމް ވިދާޅުވީ ލިޔުމުގައި ސީދާ އެގޮތަށް ނެތް ކަމަށާއި ނަމަވެސް އެ ލިޔުމަށާއި ތަހުގީގު ރިޕޯޓުގައިވާ ކަންކަމަށް ބެލުމުން އެއީ މުޅިން އައު ދެ ލޯންޗްކަން އެނގޭ ކަމަށެވެ. ހުޝާމު ވިދާޅުވީ މި މައްސަލަ އަކީ އާ ދެ ލޯންޗު ތޯ ނުވަތަ ނޫންތޯ އުފެދިގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި މިއީ ސަލްޓަންސް އިން ލޯންޗުތަކުގެ މައުލޫމާތު އޮޅުވާލާފައި ވާތީ ޖެހިގެން އުޅޭ މައްސަލައެއް ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ސަލްޓަންސްގެ ވަކީލް އިބްރާހިމް ރިޒާ ވިދާޅުވީ މައްސަލައެއްގެ ފައިލް ބަންދުކުރުމަށްފަހު އެ ފައިލް އަލުން ހުޅުވޭ ނަމަ ދުވަހަކުވެސް މައްސަލައެއް ނުނިމޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި ކަސްޓަމްސްގެ ކުރީގެ ވެރިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އަމަލެއްގެ ޒިންމާ ސަލްޓަންސްއިން ނަގަންނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭންކްގެ އެ ލިޔުމުން އެއީ އައު ދެ ލޯންޗްކަން ސާފުކޮށް އެނގެން ނެތް ކަމަށް ދައުލަތުން އިއުތިރާފްވެފައި ވާތީ އެކަމުގައި ސަލްޓަންސް އިން އޮޅުވާލާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ އެ މައްސަލަ ދިރާސާކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ޖެހިގެން މެނުވީ އަޑުއެހުމެއް ނުބާއްވަވާނެ ކަމަށެވެ. ސަލްޓަންސް ޖޫރިމަނާ ނުކޮށް އަދި ގަވާއިދާ ހިލާފަށް ޑިއުޓީ އަގު ކުޑަކޮށްދިން ކަމަށް ބުނެ ޝާފިއުގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާއެއް ވެސް އުފުލާފަ އެވެ. އެ ދައުވާއަށް ޝާފިއު އިންކާރު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ