ފެން ކުންފުނީގެ އެމްޑީ އުމަރު މަގާމުން ވަކިކޮށްފި
މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން އަހުމަދު އުމަރު މިއަދު ވަކިކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އުމަރު މަގާމުން ވަކިކުރަން ބޯޑުން މިއަދު ނިންމީ ސަރުކާރުން ހުށަހަޅައިގެން ކަމަށެވެ. އެ މަގާމަށް އެހެން ބޭފުޅަކު ހަމަޖެއްސުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށާއި އެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އުމަރުގެ ބަދަލުގައި ނަމެއް ފޮނުވާފައިވީ ނަމަވެސް އެއީ ކޮން ބޭފުޅެއްކަން ވަނީ ޔަގީން ނުވެފަ އެވެ. އެމްޑަބްލިޔުއެސްސީގެ އެމްޑީ ކަމަށް ޖޫމްހޫރީ ޕާޓީގެ ސްލޮޓެއްގައި އުމަރު އައްޔަންކުރެއްވީ ވެސް ރައީސް އަބްދުﷲ ޔާމީނެވެ. ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި މާލޭން ފެން ކަނޑައިގެން ދިއުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެމްޑަބްލިޔުއެސްސީ އަށް އަމާޒުވެގެންދިޔަ އިރު އެ ކުންފުނިން ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ނުދޭތީ އުމަރަށް ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތައް ރައްދުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ