"ފްލައި ޕާސްޓް" އާ ގުޅިގެން މާދަމާ ހަވީރު މާލޭ ސަރަހައްދުގައި ގުޑި އެރުވުން މަނާކޮށްފި

ބައިނަލްއަގްވާމީ ސިވިލް އޭވިއޭޝަން ދުވަސް ފާހަގަކުރަން މަތިންދާބޯޓުތަކުގެ ހިތްގައިމު ހަރަކާތްތަކެއް ދައްކާލަން މާދަމާ ހަވީރު މާލޭ ދެކުނު ފަރާތުގައި ބާއްވާ "ފްލައި ޕާސްޓް" އާ ގުޅިގެން މާދަމާ މާލެ ސަރަހައްދުގައި ގުޑި އެރުވުން މަނާކޮށްފި އެވެ. މިދިޔަ ހޯމަ ދުވަހު ފާހަގަކުރި ސިވިލް އޭވިއޭޝަން ދުވަހާ ގުޅިގެން ފްލައި ޕާސްޓް ހަރަކާތް އޮންނާނީ މާދަމާ ހަވީރު މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގަށް ފެންނަ ހިސާބުގަ އެވެ. މިއީ ގިނަ ބޯޓުތަކެއް ބައިވެރިވެގެން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ފްލައި ޕާސްޓް ހަރަކާތުގައި މާލެ އާއި ވިލިމާލެ އަދި ތިލަފުށި ހިމެނޭ ސަރަހައްދުން ވަރަށް ތިރިން މަތިންދާބޯޓުތައް ދަރުތުކުރާނެ ކަމަށެވެ. އެހެންވެ މާދަމާ ހަވީރު 4:30 އިން ފެށިގެން އިރުއޮއްސި 6 ޖަހަންދެން އެ ސަރަހައްދުގައި ގުޑި އެރުވުމާއި އެފަދަ ހަރަކާތްތައް ހިންގުން މަނާ ކަމަށް އެ އިއުލާނުގައިވެ އެވެ. މާލެ ހިމެނޭ ސަރަހައްދުގައި ޑްރޯން ދުއްވަން ޖެހެނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. ފްލައި ޕާސްޓް ހަރަކާތުގައި އަށް ފްލައިޓް ބައިވެރިވެ އެވެ. އޭގެ ތެރޭގައި އައިލެންޑް އޭވިއޭޝަނާއި ޓްރާންސް މޯލްޑިވިއަން އަދި ވިލާގެ ބޯޓުތައް ހިމެނޭ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ