ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑްކުރަން ޖެހޭ: ޝުވައިބް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ޕޮލިހުން ބަލަމުންދާއިރު، އޭނާ ވަގުތުން ފަނޑިޔާރުކަމުން ސަސްޕެންޑްކުރަން ޖެހޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ޝުވައިބް އަބްދުއްރަހްމާން މިއަދު ވިދާޅުވެއްޖެ އެވެ. ޝްވައިބު "ހަވީރަ"ށް ވިދާޅުވީ އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯއެއް އޮތްކަމުގެ މައުލޫމާތު ފުލުހުން ޖޭއެސްސީ އަށް އަންގާފައިވާއިރު ވެސް، އެކަން ބަލައި ފިޔަވަޅު އެޅުމަށް ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވެސް ބޮޑަށް ބޭނުންފުޅުވަނީ އަލީ ހަމީދުގެ މައްސަލަ ސިއްރުކުރަން ކަމަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. "އާދަން މީގައި ބޮޑަށް އަޅުގަނޑަށް ލަފާކުރެވެނީ ސިއްރުކުރަން މަސައްކަތް ކުރާކަން،" ޝުވައިބް ވިދާޅުވި އެވެ. އެ މައްސަލަ އެޖެންޑާކޮށްދިނުމަށް މިދިޔަ ހަފުތާގައި ޝުވައިބު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު ޖޭއެސްސީގެ މިއަދުގެ ޖަލްސާ އަށް ވެސް އެ މައްސަލަ އެޖެންޑާނުކުރި ކަމަށާއި ކޮމިޝަންގެ ރައީސް ބޭނުންފުޅުވީ ޖަލްސާގެ ރަސްމީ ވަގުތު ނިމުމަށް ފަހު، އަޑު ރެކޯޑް ނުކޮށް އެކަމާ މަޝްވަރާކުރަން ކަމަށް ޝުވައިބް ވިދާޅުވި އެވެ. އެހެންވެ އެކަމުގައި ބައިވެރިނުވެ ޖަލްސާ އިން ނުކުމެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. ޖޭއެސްސީން ބައެއް ފަނޑިޔާރުންނާ މެދު ކުރިން ފިޔަވަޅު އަޅާފައިވާ ގޮތަށް ބަލާއިރު އަލީ ހަމީދު ވެސް ސަސްޕެންޓްކުރަން ޖެހޭ ކަމަށް ޝުވައިބް ދެކެވަޑައިގަނެ އެވެ. އެގޮތުން ރުހުން ނުލިބޭ ބަންޑާރަ ނައިބެއްގެ ފަރާތުން އަންނަ ވަކީލުން ގަބޫލުނުކުރައްވާނެ ކަމަށް ސިވިލް ކޯޓްގެ ކުރީގެ ފަނޑިޔާރު މުހައްމަދު ނައީމް ވިދާޅުވުމުން އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކުރި ކަމަށާއި ހުޅުމާލޭ ކޯޓްގެ އަތިރިމަތީގައި ބަދު އަޚްލާގީ އަމަލު ހިންގަނިކޮށް އަތުލައިގަތް ސިވިލް ކޯޓްގެ ގާޒީ މުހައްމަދު ހިލްމީ ވަގުތުން ސަސްޕެންޑްކުރި ކަމަށް ވެސް ޝުވައިބު ވިދާޅުވި އެވެ. ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ވިދާޅުވީ ކަމެއް ސިއްރުކުރައްވަން އޭނާ ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އަލީ ހަމީދުގެ މައްސަލަ ވެސް "ކޮމިޝަންގެ ގަވާއިދާ އެއްގޮތަށް، ޑިއު ޕްރޮސެސްގެ ތެރޭގައި ދާނެ" ކަމަށް ވިދާޅުވި އެވެ. އަލީ ހަމީދުގެ ވީޑިއޯއެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަދި އެކަން ޖޭއެސްސީ އަށް އަންގާފައިވާއިރު ފިޔަވަޅު އެޅުން ލަސްވަނީ ކީއްވެގެންތޯ ސުވާލުކުރުން އާދަމް މުހައްމަދު ވިދާޅުވީ "ކޮމިޝަނުން ކަން ކުރަނީ ބުނި ބުންޏަކަށް ނޫން" ކަމަށެވެ. އަލީ ހަމީދުގެ މައްސަލަ ކޮމިޝަންގެ ޖަލްސާ އަށް އެޖެންޑާކުރެވޭނީ އެކަން ލީގަލް ޑިޕާޓްމަންޓުން ބަލައި ރިޕޯޓް ފޮނުވުމުން ކަމަށް އާދަމް މުހައްމަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ