ދީނީ ހަރުކަށި ހިޔާލުގެ މީހުން ގިނަ ވަމުންދާތީ ރައީސް މައުމޫނު ވެސް ކަންބޮޑުވުން ފާޅު ކުރެއްވި

ރާއްޖޭގައި ދީނީ ހަރުކަށި ހިޔާލުގެ މީހުން އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެ 2006 ވަނަ އަހަރު ރައީސް މައުމޫނު އަބްދުލް ގައްޔޫމު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވިކިލީކުން މިދިޔަ ހޯމަ ދުވަހު ލީކު ކޮށްލާފައިވާ އެމެރިކާ ހާރިޖިއްޔާގެ ސިއްރު ލިޔުންތަކުން ހާމަވެއްޖެއެވެ.
ރާއްޖޭގައި ދީނީ ހަރުކަށި ސިޔާސަތުގެ މީހުން އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެ ރައީސް މައުމޫނު ކަންބޮޑުވުން ފާޅު ކުރައްވާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އޭރު ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި އެމެރިކާގެ ސަފީރު ރޮބާޓް ބްލޭކްއާއި އެކު ބޭއްވެވި 20 މިނެޓުގެ ބައްދަލު ވުމެއްގައި ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ. ވިކިލީކުން އެ ލިޔުން ލީކު ކޮށްލާފައި ވާއިރު އެ ލިޔުމަކީ ރަސްމީކޮށް އަދިވެސް "ކްލެސިފައިޑް" (ސިއްރު) ކޮށްފައިވާ ލިއުމެކެވެ.
ވިކިލީކުގެ ލިޔުމުގައި ބުނެފައިވަނީ ދިވެހިން ޕާކިސްތާނާއި ސައުދީ އަރަބިއްޔާއިން ކިޔަވައިގެން އަންނައިރު ދީނީ ހަރުކަށި ހިޔާލު ގެންގުޅޭ ކަމަށެވެ. އަދި ދީނީ ހަރުކަށި ހިޔާލުގެ މީހުން "އެނބުރި ފަހަތަށް ދާން" ބޭނުންވާ ކަމަށާއި، އެފަދަ ހަރުކަށި ހިޔާލުތައް ގެންގުޅޭ މީހުންގެ މައްސަލާގައި ކަންބޮޑުވެ، ހިތާމަ ކުރައްވާ ކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅު ތަކަށް ބަލާއިރު ރާއްޖޭގެ "ހާލަތު" ރަނގަޅު ނޫން ކަމަށާއި، ރާއްޖެއަކީ އަބަދުވެސް މެދު މިނުގެ އިސްލާމުން ދިރިއުޅޭ ގައުމެއް ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ. އަދި އެ މައްސަލަތައް ހައްލު ކުރަން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން ސުވާލު ކުރުމުން، މީޑިއާ މެދުވެރިކޮށް އިސްލާމު ދީނަކީ ހަރުކަށި ދީނެއް ނޫން ކަމަށާއި، އިސްލާމް ދީނަކީ ކެތްތެރި ކަމުގެ ދީނެއް ކަން އަންގައި މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު ރައީސް މައުމޫނު އިންނެވީ ވަރަށް ހަމަޖެހިވަޑައިގެން، ޔަގީން ކަމާއި އެކުގައި ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ. ރައީސް މައުމޫނުގެ އިތުރުންވެސް ސަރުކާރުގެ އެހެނިހެން ވެރިންނާއި ސަރުކާރުގައި ނޫޅޭ ބައެއް މީހުންވެސް ދީނީ ހަރުކަށި ފިކުރުގެ މީހުން ގިނަވަމުން އަންނަ ކަމަށް ވިދާޅުވި، ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް އެ ލިޔުމުގައި ބުނެފައި ވެއެވެ.
އެ ބައްދަލުވުމުގައި ރާއްޖޭން އެންމެ ބޮޑަށް ކަންބޮޑުވަނީ ތިމާވެށީގެ މައްސަލަތަކާއި ކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލާގައި ރައީސް މައުމޫނު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ