ހުޅުމާލެ ކޯޓުގެ ބެންޗު ކަނޑައަޅާފައިވަނީ ހުޅުމާލެ ކޯޓުން އެދުނުގޮތަށް: ޖޭއެސްސީ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ބެންޗު ކަނޑައަޅާފައިވަނީ އެކޯޓުން އެދުނު ގޮތަށް، ސްޕްރީމް ކޯޓުގެ ލަފައަކަށް އެދިގެން ސްޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށް ޖުޑީޝަލް ޝާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ކޯޓުގެ ބެންޗާއި ގުޅިގެން ރައީސް ނަޝީދު ހުށަހެޅި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ޖޭއެސްސީން ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވާފައެވެ. އެގޮތުން އެމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބުނީ ޖޭއެސްސީން ނަންގަވާފައިވާ ދެ އިޖުރާއީ ނުކުތާ ސާފުނުވާ ކަމަށާއި އެދެ ނުކުތާ ސާފުވުމުން ޖަވާބު ދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ޖޭއެސްސީ ބެންޗު ކަނޑައެޅިގޮތް ބެލުމަށްޓަކައި ބޭއްވި ކޮމެޓީގެ ޔައުމިއްޔާތައް ލިބިފައިވަނީ މިދިއަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކަމަށާއި އެހެންކަމުން ޖޭއެސްސީން ނަގަވާފައިވާ އިޖުރާއީ ނުކުތާތަކަށް ޖަވާބު ދިނުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދޭކަމަށް ވެސް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އެދިފައިވެއެވެ.
ފަނޑިޔާރު ވިދާޅުވީ މިއަދުގެ އަޑުއެހުން ބޭއްވީ ރައީސް ނަޝީދުގެ ފަރާތުން ޖަވާބު ދާރީވުމަށް ކަމަށާއި އެހެންކަމުން އިޖުރާއީ ނުކުތާއާ މެދު ސާފުނުވާ ނުކުތާތައް ވިދާޅުވެދެއްވުމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނީ ޖޭއެސްސީގެ ފުރުތަމަ އިޖުރާއީ ނުކުތާގައި ފާހަގަ ކުރައްވަނީ ހައިކޯޓުގެ ގަވައިދާ ހިލާފަށް ރައީސް ނަޝީދު މިމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފުވީ ކޮންކަމެއްތޯ ބަޔާން ކޮށްފައި ނުވާތީ ޖަވާބު ދެއްވުމަށް ދަތިވާ ކަމަށެވެ.
ރައްދު ދެއްވަމުން ޖޭއެސްސީގެ ގާނޫނީ ވަކީލު ވިދާޅުވީ ހައިކޯޓަށް މައްސަލަ ހުށަހެޅޭނީ ހައިކޯޓުގެ ފޯމަކުންކަމަށާއި އެކަން ހައިކޯޓުގެ ގަވާއިދުގެ 31 ވަނަ މާއްދާގައި ބުނާކަމަށެވެ.
ރައްދުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ ގާނޫނީ ވަކީލު ހަސަން ލަތީފުވަނީ މިފަދަ މައްސަލަތައް ހުށަހަޅަން ހައިކޯޓުގައި ފޯމެއް ނެތްނަމަ ރައްޔިތުން އަދުލް އިންސާފު ހޯދުމަށް ހަދާނީ ކިހިނެއްތޯ ސުވާލު ކުރެއްވާފައެވެ. އަދި ހައިކޯޓުގައި އެފަދަ މައްސަލަތައް ހުށަހަޅަން ފޯމެއް ނުހުންނަ ކަމަށާއި އެމައްސަލަ ހުށަހެޅީ ސިޓީއަކުން ކަމަށެވެ. އަދި އެފަދަ މައްސަލަތައް ކޯޓުތަކަށް އެގޮތަށް ހުށަހެޅޭކަމަށާއި ކޯޓުތަކުން ވެސް އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ދެވަނައަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ފާހަގަކުރި ނުކުތާއަކީ ހުޅުމާލެ ކޯޓުގެ ބެންޗު ކަނޑައަޅާފައިވަނީ ސްޕްރީމް ކޯޓުގެ ލަފާގެ މަތިންކަމަށް ބުނާ ބުނުމަށާއި އަދި އެއީ ސްޕްރީމް ކޯޓުގެ ނިންމުމެއް ކަމަށް ޖޭއެސްސީން ބުނާ ބުނުމުގެ މައްޗަށެވެ. ސްޕްރީން ކޯޓުން ނިންމާފައިވާ ނިންމުމެއް އެއައްވުރެ ދަށުކޯޓަކުން ނުނިންމޭނެ ކަމަށާއި ސްޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ޖޭއެސްސީން ބުނާކަމަށެވެ.
ރައްދުގައި ޖޭއެސްސީގެ ގާނޫނީ ވަކީލު ވިދާޅުވީ އިޖުރާއީ ނުކުތާތައް ފާހަގަކޮށްފައިވާ ބަޔާނުގައި ވަރަށް ސާފުކޮށް އެކަންކަން ބަޔާން ކޮށްފައިވާނެ ކަމަށެވެ.
ފަނޑިޔާރުންވަނީ ސްޕްރީމް ކޯޓުން ޖޭއެސްސީއަށް ދެއްވާފައިވަނީ ލަފައެއްތޯ ސުވާލު ކުރައްވާފައެވެ.
ޖަވާބުގައި ޖޭއެސްސީގެ ގާނޫނީ ވަކީލު ވިދާޅުވީ ޖޭއެސްސީން ސްޕްރީމް ކޯޓުގައި އެދިފައިވަނީ ހުޅުމާލެ ކޯޓުން އެދުނު ގޮތަށް އެކަމަށް ލަފައެއް ކަމަށާއި އަދި ސްޕްރީމް ކޯޓުން ވެސް ޖޭއެސްސީއަށް ދީފައިވަނީ ލަފައެއްކަމަށެވެ. އަދި ސްޕްރީމް ކޯޓުގެ އަމުރެއްގައިވާ ގޮތުން ސްޕްރީމް ކޯޓުން ނިންމާ ކޮންމެ ނިންމުމެއް އަދި މާނަކުރާ މާނަކުރުމަކީ އެންމެ ފަހުގެ ނިންމުން ނުވަތަ މާނަ ކުރުން ކަމަށް ބުނާއިރު ސްޕްރީމް ކޯޓުގެ އެލަފާއަކީ އެކޯޓުގެ ނިންމުންތަކާ އެއްފަދަ އެއްޗެއް ކަމަށެވެ.
ފަނޑިޔާރު ޖޭއެސްސީގެ ގާނޫނީ ވަކީލުގެ އަރިހުން ހުޅުމާލެ ކޯޓުގެ ބެންޗު ކަނޑައެޅީ ޖޭއެސްސީންތޯ ނުވަތަ ސްޕްރީމް ކޯޓުންތޯ ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވުމަށް ދެންނެވުމުން ޖޭއެސްސީގެ ގާނޫނީ ވަކީލު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގެ 49 ވަނަ މާއްދާއާއި 50 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ހުޅުމާލެ ކޯޓުގެ ބެންޗު ކަނޑައެޅީ ޖޭއެސްސީން ކަމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވީ ޖޭއެސްސީން ކަނޑައެޅިގެން އިތުރުފުޅު ހައްދަވަނީ ކަމަށާއި ޖޭއެސްސީން ސްޕްރީމް ކޯޓުގައި ލަފައަކަށް އެދިފައިވަނީ ހުޅުމާލެ ކޯޓުން އެދިފައިވާ ގޮތަކަށް ނޫންކަމަށެވެ. ހުޅުމާލެ ކޯޓުން ބެންޗެއް ކަނޑައަޅަން ހުށަހެޅީ އެކޯޓުގެ މެޖިސްޓްރޭޓާއިއެކު އިތުރު (އެ ޖުޑިޝަލް ދާއިރާގެ) ދެ މެޖިސްޓްރޭޓުން ހިމަނައިގެން ބެންޗެއް ކަނޑައަޅާދެއްވުމަށް ކަމަށާއި ނަމަވެސް ސްޕްރީމް ކޯޓަށް ޖޭއެސްސީން ފޮނުވާފައިވާނީ އެހެން ތިން މެޖިސްޓްރޭޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ