މާކުރަތުން އަބްދުﷲ ގާޒީއާ ދިމާކުރި ދެ މީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީއާ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) މިއަދު މެންދުރު ރ.މާކުރަތަށް ވަޑައިގަތުމުން އެރަށުގެ ބަޔަކު ދިމާކޮށް އެއްޗެހި ގޮވި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ އަބްދުﷲ ގާޒީއާ "ދިމާކޮށް މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މީހުން އަބްދުﷲ ގާޒީއާ ދިމާކުރީ ހުކުރަށް ވަޑައިގެންނެވުމަށް ފަހު އަބްދުﷲ ގާޒީ ފުރާވަޑައިގެންނެވުމަށް ބަނދަރު މައްޗަށް ވަޑައިގަންނަވަނި ކޮށެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ގާޒީ މާކުރަތަށް ވަޑައިގެންނެވީ އީދު ޗުއްޓީ އަށް އަމިއްލަ ރަށް ހުޅުދުއްފާރަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. ހުކުރު ނަމާދަށް ފަހު މިސްކިތުން ފައިބައި ވަޑައިގެންނެވި ވަގުތު ވެސް ބަޔަކު އެއްޗެހި ގޮވި ކަމަށާއި ފުރާ ވަޑައިގަތުމަށް އަތިރިމައްޗަށް ވަޑައިގަންނަވަނިކޮށް އެރަށުގެ ހޮޅުއަށީގައި ތިބި މީހުންގެ ތެރެއިން ހަތަރު ވަރަކަށް މީހުން އަބްދުﷲ ގާޒީއާ ދިމާއަށް ގޮސް އެއްޗެހި ކިޔައި އަޑުގަދަކުރި ކަމަށް އެނގިފައިވެ އެވެ. އަދި އަބްދުﷲ ގާޒީއާ ދިމާކުރި މީހުން ވަނީ އޭނާ ދަތުރުކުރެއްވި ރ. އުނގޫފާރު "ރަހުމަތުﷲ" ބޯޓަށް އަރަން މަސައްކަތް ކޮށްފައި ކަމަށާއި އެކަމަކު އެ ބޯޓުގެ މީހުން އެކަމަށް ހުރަސްއެޅި ކަމަށް ވެސް އެނގިފައިވެ އެވެ. އަދި އެ މީހުންނާއި ބޯޓުގައި ތިބި ބައެއް މީހުންނާ ޒުވާބެއް ހިނގި ނަމަވެސް އެ މީހުން އެ ބޯޓަށް ނާރާ ކަމަށް ވެސް ވަނީ އެނގިފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސިފައިން ވަނީ އަބްދުﷲ ގާޒީ ހައްޔަރުކޮށް، ގިރިފުށީގައި ބަހައްޓައިފަ އެވެ. އޭނާ ދޫކޮށްލީ ނަޝީދުގެ ވެރިކަން ބަދަލުވި ފެބްރުއަރީ 7 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ