މަލީޝާގެ ވެރިޔާ އަލުން ފުލުހުންނާ ހަވާލުކުރަންޖެހިދާނެ ކަމަށް ގާޒީ އިންޒާރުދެއްވައިފި

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެތައްބައެއްގެ އަތުން ނެގި ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ ލިބޭ މަލީޝާ ހައްޖު ގްރޫޕްގެ ވެރިޔާ އިސްމާލް އަބްދުލްލަތީފް (މާލު) ކޯޓަށް ހާޒިރުވުމުގައި އެއްބާރުލުން ނުދޭ ނަމަ މައްސަލަ ނިމެންދެން ފުލުހުންނާ ހަވާލުކޮށްފައި ބަހައްޓަން ޖެހިދާނެ ކަމަށް، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އިންޒާރު ދެއްވައިފި އެވެ. ހައްޖަށް މީހުން ގެންގޮސްދޭން ކަމަށް ބުނެ ނެގި އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގައި އިސްމާއިލްގެ މައްޗަށް ދައުލަތުން ކުރި ދައުވާގެ ޝަރީއަތުގައި މިއަދު އޮތް އަޑުއެހުމުގައި ގާޒީ ވިދާޅުވީ ރާއްޖޭން ބޭރުގައި ފިލައިގެން އުޅެނިކޮށް ގެނެސްފައިވީ ނަމަވެސް އިސްމާއިލް ގޭބަންދަށް ދޫކޮށްފައި ވަނީ ބަލި ހާލަތު ހުރި ގޮތުން އާއިލާގެ އެދުމުން، އުސޫލްތަކާ ވެސް ހިލާފަށް ކަމަށެވެ. ނަމަވެސް ކޯޓަށް ހާޒިރުވުމުގައި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށާއި މިއަދު ވެސް ޝަރީއަތް ފެށެން ކުޑަތަންވެފައި ވަނިކޮށް ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވާން އުޒުރުވެރިވާ ކަމަށް ބުނެ އިސްލާއިމްގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މި ގޮތަށް ކަންކަން ތަކުރާރުވާ ނަމަ މައްސަލަ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކުރަންޖެހިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ޖަވާބުގައި އިސްމާއިލް ބުނީ ދެން އެކަން ތަކުރާރުނުވާނެ ކަމަށެވެ. މިއަދުގެ އަޑު އެހުމުގައި އޮތީ ދައުލަތުން ކުރާ ހިޔާނާތުގެ ދައުވާ އަށް އިސްމާއިލް އިންކާރުކޮށްފައި ވާތީ އިންކާރުކުރި ސަބަބުތައް ހުށަހެޅުމާއި ދައުލަތުގެ ފަރާތުންނާއި އިސްމާއިލްގެ ފަރާތުން ހުށަހަޅާ ހެކިންގެ ތަފްސީލްތައް ހުށަހެޅުމެވެ. އިސްމާއިލްގެ ވަކީލް މުހައްމަދު އިބްރާހީމް ވިދާޅުވީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މަލީޝާ އިން މީހުން ހައްޖަށް ފޮނުވާފައި ވާތީ މިދިޔަ އަހަރުގެ ހައްޖަށް މީހުން ފޮނުވުމަށް ކުރިމަތިލުމުން 93 ޕޮއިންޓް އިސްލާމިކް މިނިސްޓްރީން ދީފައިވާ ކަމަށާއި ނަމަވެސް ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނު ފަރާތްތައް އިއުލާންކުރި އިރު އެ ލިސްޓްގައި މަލީޝާ ނުހިމެނޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އިސްލާމިކް މިނިސްޓްރީން މިހާތަނަށް ވެސް ބުނެދީފައި ނުވާ ކަމަށާއި ފަހުން އިތުރު ކޯޓާ ލިބުމުން އެ ފުރުސަތު ވެސް މަލީޝާ އަށް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެން އަހަރުތަކުގައި ރާއްޖެ އަށް ލިބޭ އިތުރު ކޯޓާ މިދިޔަ އަހަރު ނުލިބުމުގެ ސަބަބުން ހައްޖު ޖަމާއަތްތަކަށް ބޮޑެތި އުނދަގޫތައް ކުރިމަތިވި އެވެ. އިސްމާއިލްގެ ވަކީލް ވިދާޅުވީ ރާއްޖެ އިން ކޯޓާ ހަމަނުޖެހުމުން ލަންކާގެ ބަޔަކާ ގުޅިގެން ވެސް މީހުން ހައްޖަށް ގެންދެވޭތޯ މަލީޝާ އިން މަސައްކަތްކުރި ކަމަށެވެ. އަދި މިހާރު ވެސް އިސްމާއިލްގެ އާއިލާގެ ފަރާތުން ސަރުކާރާއި ތަފާތު އެކި ފަރާތްތަކާ ވާހަކަ ދައްކައިގެން މީހުން ހައްޖަށް ފޮނުވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދައުލަތުން ކުރާ ދައުވާ ސާބިތުކުރުމަށް، ހައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންނާއި އެފަދަ މީހުންގެ ފަރާތުން ޖުމްލަ 87 މީހުންގެ ތަފްސީލު މިއަދު ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން މަލީޝާ އިން ފައިސާ ނެގުމުގައި ހަރަކާތްތެރިވި ދެ މީހަކު ވެސް ހެކިންގެ ތެރޭގައި ހިމެނެ އެވެ. އަދި މަލީޝާ އާއި އިސްމާއިލްގެ ބޭންކް އެކައުންޓްތަކުގެ ތަފްސީލްތައް ވެސް ހިމެނެ އެވެ. ހެކި ހުށަހަޅަނީ ކޮން ކަމަކުތޯ ގާޒީ ސުވާލުކުރެއްވުމުން ދައުލަތުގެ ވަކީލާ އާއިޝަތު މުހައްމަދު ވިދާޅުވީ ހެކި ހުށަހަޅަނީ ހައްޖަށް ގެންދިއުމަށް ފައިސާ ނެގި ކަމާއި ފައިސާ ނެގުމަށް ފަހު ހައްޖަށް ނުގެންދާކަން ސާބިތު ކުރަން ކަމަށެވެ. އިސްމާއިލްގެ ވަކީލު ވިދާޅުވީ ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލު ހުށަހަޅަން ބޭނުންވާ ކަމަށެވެ. އެއީ ކޮން ފައިސާއެއްތޯ އާއި ކީއްކުރަން ނެގި ފައިސާއެއްތޯ ގާޒީ ސުވާލުކުރެއްވުމުން ވަކީލު ވިދާޅުވީ އެއީ 1433 ވަނަ އަހަރުގެ ހައްޖަށް ގެންދިއުމަށް މީހުން އަތުން ނެގި ފައިސާ ކަމަށެވެ. ދައުލަތުން ބުނެފައި ވަނީ މިދިޔަ އަހަރު ހައްޖަށް ގެންދާނެ ކަމަށް ބުނެ 126 މީހެއްގެ އަތުން މަލީޝާ އިން 8.6 މިލިއަން ރުފިޔާ ނަގައި އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. ގާނޫނުލް އުގޫބާތު ބުނާ ގޮތުން ހިޔާނާތްތެރިވާ ފައިސާގެ އަދަދު ނުވަތަ މުދަލުގެ އަގު 10،000ރ. އަށް ވުރެ އިތުރުވާ ކޮންމެ 1،000ރ. އަށް އެއް މަސް ދުވަހުގެ އަދަބެއް ވެސް ހުކުމަށް އިތުރުވާނެ އެވެ. އެހެންކަމުން އިސްމާއިލްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށް ލުމަށް ނުވަތަ އަރުވާލުމުގެ ހުކުމެއް އައުން އެކަށީގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ