އަޅުގަނޑު މި ނުކުތީ ގައުމަށްޓަކައި: ގާސިމް
ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އަށް ފަހު ރައީސްގެ ފަހަތްޕުޅަށް އެރީ ގައުމަށްޓަކައި، ގައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ގައުމުގެ ވެރިއަކަށް ހުންނަ ބޭފުޅާ އަވަހާރަ ކޮށްލަން ހަމަލާ ދޭ ދަރަޖަ އަށް ދިޔައީމަ، ސިޔާސީ ފިކުރު އެއްފަރާތްކޮށްފައި ގައުމީ ކަމެއްގެ ގޮތުގައި ނުކުންނަން ޖެހޭ ކަމަށެވެ. "އަޅުގަނޑު މި ނުކުތީ ކޮންމެހެން ޔާމީން ވީމައެއް ނޫން. ގައުމުގެ ރައީސަށް ދިން ހަމަލާއެއް ވީމަ. އަޅުގަނޑު އެދެނީ މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހުރިހާ ބާރެއް ލައިގެން ސަރުކާރާ އެކުގައި އެންމެން ވެސް މަސައްކަތް ކުރުމަށް،" ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ. މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައުމުގައި ޖުމްހޫރީ ޕާޓީގެ ދައުރު ވެސް ފުޅާކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ އެ ޕާޓީ ސަރުކާރާ ވަކިވި ސަބަބުގެ ވާހަކަ ދައްކަން މި ވަގުތު ބޭނުން ނުވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އެއް ހިތްވަރެއް ލައިގެން، އެއް ވާހަކައެއް ދައްކައިގެން ނޫނީ ގައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން އަރައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފަސްމަންޒަރު ޕްރޮގްރާމްގައި ގާސިމާއި ފިނޭންސް މިނިސްޓަރު ޖިހާދު ވާހަކަ ދައްކަވަނީ ގާސިމް ވިދާޅުވީ ރައީސަށް އަމާޒުކޮށްގެން ދިން މި ހަމަލާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށާއި އޭގެ ނިކަމެތިކަން ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. އަދި ގައުމު މިހާލަތަށް ވެއްޓުނީމަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހުންނަ މީހެއްގެ ބަދަލުގައި ސަރުކާރަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ސްޕީޑާ މެދު ހިތްހަމަޖެހުން ފާޅު ކުރައްވަމުން އޭނާ ވިދާޅުވީ ތަހުގީގު މިހާ ފުޅާކޮށްފައިވަނީ ހަމައެކަނި ރައީސްގެ ފުރާނަ އަށް ގެއްލުން ދޭން މަސައްކަތް ކުރުމުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި މިއީ ވެރިކަމުގައި ތިބޭ ކޮންމެ ބަޔަކާ ވެސް ގުޅުން ހުރި މައްސަލައެއް ކަމަށް ވިދާޅުވި އެވެ. "މިއީ ގައުމުގެ ސްޓެބިލިޓީއާ ގުޅުން ހުރި މައްސަލައެއް. ދެން ކޮންމެ ބަޔަކު ވެރިކަމަށް އެރި ނަމަވެސް އެ ބަޔަކު އަވަހާރަކޮށްލާނީ ކޮން އިރަކު، ކޮން ވަގުތަކުތޯ ސުވާލު އުފެދޭ. އެހެންވެ، މި އިތުބާރު ދެމެހެއްޓުމަށް ވެސް އެކަން ކުރި ބަޔަކު ވީއެންމެ އަވަހަކަށް އެބަ ހޯދަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ. މި ހަމަލާ ދިނީ ގައުމުގެ "ހާއިނުން" ކަމަށް ސިފަ ކުރައްވަމުން އޭނާ ވިދާޅުވީ އެއީ ކޮންމެ ފެންވަރެއްގެ ކޮންމެ މީހަކު ކަމުގައި ވިޔަސް އެ މީހަކު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި އެއްވެސް މީހެއްގެ މޫނަށް ކަނދުރާ އަށް ނުބެލުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. ގާސިމް ވަނީ ގައުމު ހިންގަވަން ހުންނެވި ވެރިޔާ ވިދާޅުވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ. އަދި ތަހުގީގުގައި އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ