ރިޔާސީ ނިޒާމެއްގައި އިއްތިހާދެއް ނުހެދޭނެ ކަމަށާއި އެއީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން ޕާޓީތައް ހައްދަވައިގެން ރައްޔިތުން ދޮލަނގަށް ލައްވައިގެން ނުކުންނަވަނީ ވިޔަފާރި ކުރެއްވުމަށް ކަމަށާއި އެކަމުގައި އެއް ޕާޓީއަނެއް ޕާޓީއަށް އިއްތިހާދު ވަނީ ދިވެހިން ބަލައިގެންފައިވާ ނިޒާމާ ހިލާފަށް ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ކުރާ އެއްވެސް ފައިދާއެއް ނޯންނަ ކަމަށެވެ. ވެރިންގެ ޕާޓީތައް އިއްތިހާދުވަމުން ދާއިރު ރައްޔިތުން ގުޅެމުން ދަނީ އެމްޑީޕީއާ ކަމަށާއި އަދި އެމްޑީޕީގެ އިއްތިހާދަކީ ރައްޔިތުން ކަމަށެވެ.
"ތިމަންނާ ޕާޓީއާ ތިޕާޓީއާ އިއްތިހާދުވާނަމޭ ތިމަންނާއަށް ވަޒީރުންގެ މަޖިލީހުން މިތައް ގޮނޑި އާއި ފަނޑިޔާރުންގެ މަޖިލީހުން އެތައް ގޮނޑިއާއި އަދި ބޮޑު ގުދަނަކާއި ދެ ރިސޯޓް ލިބެނިކޮށް ތިބޭފުޅުންގެ ޕާޓީއާ އަޅުގަނޑުމެންގެ ޕާޓީއާ އިއްތިހާދު ވާނަމޭ އެކަމަކު ނަގޫ ގޮށް ޖެހިގެންދަނީ މިބޭފުޅުންގެ ރައްޔިތުންނަކަށް މިކަމުގައި އެނގުމެއް ނުވޭ. އިއްތިހާދު ހައްތާވެސް ވެ ވަޑައިގަންނަވަނީ ވެރިން. ރައްޔިތުން ގުޅެމުން އަންނަނީ އެމްޑީޕީއާ އަޅުގަނޑުމެން އިއްތިހާދަކީ ރައްޔިތުންގެ އިއްތިހާދު،"
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައެއް ޕާޓީތަކާއެކު އިއްތިހާދުވެ ވަޑައިގެންނެވި ރައީސް ނަޝީދު މިރޭ ވިދާޅުވީ ރާއްޖޭގައި އިއްތިހާދުގެ ސިޔާސަތު ތަޖުރިބާ ކޮށްފި ކަމަށާއި އިއްތިހާދުވުމަކީ ކޮންކަހަލަ ސިޔާސީ ނިޒާމްތަކެއްގައި ކުރެވެން އޮންނަ ކަމެއްކަން ވެސް ފެނިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި އިއްތިހާދުވެގެން ކެބިނެޓް ހަތަރު ފަސް ބަޔަށް ބަހާ ނުލެވޭނެ ކަމަށެވެ. އެކަމަށް ގާނޫނު އަސާސީ ހުއްދަ ނުދޭ ކަމަށެވެ.
"ރިޔާސީ ނިޒާމެއްގެ ތެރޭގައި ވަޒީރުންގެ މަޖިލިސް ހަތަރު ފަސް ބަޔަށް ބަހާލުން އެއީއަކީ އެއް ގޮތަކަށް ވެސް އަޅުގަނޑުމެނަށް ކުރެވެން އޮންނާނެ ކަމެއް ނޫން. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަދޭނެ ކަމެއް ނޫން. ވަޒީރުންގެ މަޖިލީހަކީ ރައީސުލް ޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލިސް އެ މަޖިލީހުގެ މެންބަރުން ހުވާ ކޮށްގެން ތިއްބަވަނީ ރައީސަށް ކިޔަމަންވުމަށާއި ވަޒީފާ އަދާ ކުރަން އެވަޒީރު ބޭފުޅުންނަކަށް ނނުތިއްބެވޭނެ ތިމަންނާއަކީ އެހެން ޕާޓީއެއްގެ މެންބަރެކޭ އެހެންވީމާ ތިމަންނާ އަޑުއަން މިޖެހެނީ އެހެން ޕާޓީއެއްގެ ލީޑަރު ބުނާ އެއްޗެކޭ އެ ގޮތަކަށް މި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ތަންފީޒެއް ނުކުރެވޭނެ،" ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްތިހާދުވެފައިވާ ޕާޓީތަކަށް ވަޒީރުންގެ މަޖިލީހުގެ މަގާމްތައް ދެއްވި ރައީސް ވިދާޅުވި އެވެ. "ގާނޫނު އަސާސީ އޭގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރާނަމަ ރިޔާސީ ނިޒާމެއްގައި އިއްތިހާދުގެ ވާހަކައެއް ނުދެއްކޭނެ އެއީ ޣައިރު ގާނޫނީ ކަމެއް. މި ގާނޫނު އަސާސީގެ ރޫހު ތަންދޭނެ ވާހަކައެއް ނޫން ވަޒީރުންގެ މަޖިލިސް ބަހާލުމަކީ އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތިބި ބައެއް،"
ނަޝީދު ވިދާޅުވީ ވަޒީރުންގެ މަޖިލީހަކީ ރައީސަށް އެހީތެރިވެ ދިނުމަށް ގާނޫނީ ހަމަތަކުގެ މަތިން އުފެދިގެން އަންނަ މަޖިލީހެއް ކަމަށާއި އެ މަޖިލިސް ޕާޓީތަކަށް ބަހާ ނުލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ނަމަ ސާފުކޮށް ކަނޑައެޅިފައިވާ ނިޒާމާ އެއް ގޮތަށް އަމަލު ކުރަން ޖެހޭ ކަމަށާއި އެނިޒާމު ގަޑުބަޑުކޮށް އެއް ޕާޓީ އަނެއް ޕާޓީ އިއްތިހާދު ނުވެވޭނެ ކަމަށެވެ.
"ނިޒާމުގައި މި ބުނަނީ ރިޔާސީ ނިޒާމެކޭ އެހެންވީމާ ރައީސަކު އިންތިހާބު ކުރަންޖެހޭ އެ ރައީސްގެ ކެބިނެޓް އެ ރައީސަކަށް އެކުލަވައިލެވެން ޖެހޭ އެ ކެބިނެޓް ކަނޑައޅައި ހިންގާން ޖެހެނީ ތަމްސީލު ކުރާ ސިޔާތަކަށް ވާނީ އެ ރައީސުލް ޖުމްހޫރިއްޔާގެ ޕާޓީއަކުން އިންތިހާބުގެ ކުރީގައި ހުށަހެޅުނު ސިޔާސަތު އެނޫން ކަމެއް ކުރުމުގެ އިހުތިޔާރެއް ރައީސަކަށް ނޯވޭ އަމުދުން ވަޒީރުންނަކަށް ނޯންނާނެ،" ނަޝީދު ވިދާލުވީ އެވެ.
އެހެން ޕާޓީތަކުގައި ސިޔާސަތެއް ނެތް. ކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީތަކުގައި އޮތީ އިއްތިހާދުވެ "މަށަށް އޮތީ ކޯންޗެއްތޯ މަށަމަށަށް މަށަށް މަށަށް" ކިޔުން ކަމަށެވެ.
"މަށަށް އޮތީ ވަޒީރުންގެ މަޖލީހުން ދެބައިކުޅައެއްބަޔާ ސަރުކާރު ނިސްބަތްބާ ކުންފުނިތަކުން ތިންބައިކުޅަ ހަތަރުބަޔާއި ފަނޑިޔާރު ގެތަކުން ހަތަރު ބައިކުޅަ ދެ ބަޔާއި މާލޭ ބިމުން އެއްބަޔާއި ތަރިކަ މުދާ ބެހުން! މަށަށް މަށަށް މަށަށް މިއީ މިދަންނަވާ އިއްތިހާދަކީ! އަޅުގަނޑުމެން އެ އިއތިހާދަށް ނުކުންނާކަށް ނޫޅެން،" ވަތަން އެދޭ ގޮތުގެ އިއްތިހާދު ހެއްދެވި ނަޝީދު ވިދާޅުވި އެވެ.
ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް ވާހަކަފުޅު ދެއްކެވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (އަލިބެ) އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ރަސްމީކޮށް އިއުލާން ވެސް ކުރި އެވެ.
ރިޔާސީ ނިޒާމުގައި އިއްތިހާދު ވުމަކީ ޣައިރު ގާނޫނީ ކަމެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ