އަޅުގަނޑާއި ދުންޔާ މައުމޫން ވޯޓު ލީ އުމަރާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އެޅުމާ ދެކޮޅަށް: ގައްސާން

ޑީއާރްޕީގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ދެ ބޭފުޅުން ވެސް ވޯޓު ދެއްވީ ޑީއާރްޕީގެ ނައިބު ލީޑަރު އުމަރު ނަސީރާ މެދު ފިޔަވަޅު ނޭޅުއްވުމަށް ކަމަށް ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ގައްސާން މައުމޫން މިއަދު ކަށަވަރުކޮށްދެއްވައިފި އެވެ."އަޅުގަނޑާއި ދުންޔާ މައުމޫން ވޯޓު ލީ އުމަރާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އެޅުމާ ދެކޮޅަށް،" ގައްސާން ވިދާޅުވި އެވެ.ފަސް ގަޑިއިރެއްހާއިރަށް ދިގުދެމިގެންދިޔަ ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު، އުމަރު ނަސީރާއި އިލްހާމް އަހްމަދާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޑީއާރްޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވެސް ވިދާޅުވީ ގައްސާނާއި ދުންޔާ މައުމޫން ވޯޓު ދެއްވީ އުމަރާ އެއްކޮޅަށް ކަމަށާއި އެއީ އުފާކުރައްވާ ކަމެއް ކަމަށެވެ. މަހްލޫފް އަދި ވިދާޅުވީ، އުމަރު ނަސީރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވުމަށް 16 މެމްބަރުން ވޯޓުދެއްވިއިރު، އެކަމާ ދެކޮޅަށް 11 މެމްބަރަކު ވޯޓު ދެއްވި ކަމަށެވެ. ނަމަވެސް ޑީއާރްޕީގެ ނައިބު ލީޑަރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިއަދު ވިދާޅުވީ ގައްސާނާއި ދުންޔާ އެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ."ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވަން ނިންމުމުން އުމަރާއި އިލްހާމު ވަޑައިގަތީ. ޒައީމުގެ ދެ ބޭފުޅުން (ގައްސާނާއި ދުންޔާ) ވެސް ވޯޓު ދެއްވި. އަދި އުމަރުގެ މައްސަލައިގެ ވޯޓުގައި އެ ދެ ބޭފުޅުން (ގައްސާނާއި ދުންޔާ) ބައިވެރިވެވަޑައެއްނުގަންނަވާ. މިވާހަކަ ދަންނަވާލީ އެ ދެ ބޭފުޅުންގެ ވޯޓު ލެއްވި ގޮތުގެ ވާހަކަ މީޑިޔާގައި އަނބުރާލާފައިވާތީ،" ސަން އެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ