ނަޝީދާއި ތޮހްލަތުގެ މައްސަލަ ކޯޓުން ބަލައިގެންފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ފޮނުވި މައްސަލަ ހުޅުމާލޭ ކޯޓުން ބަލައިގެންފި އެވެ. ނަޝީދާއި ތޮލްހަތުގެ އިތުރުން މި ދައުވާގައި ހިމެނެނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އެ ހުރިހާ ބޭފުޅުންގެ މައްސަލަ ވެސް ފޮނުވާފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށެވެ. އެއީ ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފި ނަމަ މަސްލަހަތު ފުށުއަރާނެތީ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ. އެހެން ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް އަދި ވަނީ ސާފުވާ ގޮތްނުވެފަ އެވެ. ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ، ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ. އެކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނަޝީދުގެ ސަރުކާރުގައި އަބްދުﷲ ގާޒީ ބަންދުކުރުމާއެކު އޭނާ ވަގުތުން ދޫކޮށްލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރުކުރުމުން ވެސް އޭނާ ދޫކޮށްލާފައެއް ނުވެއެވެ. އަބްދުﷲ ގާޒީ ދޫކޮށްލާފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ