ޕީޕީއެމްގެ ހަމައެކަނި މަޤުސަދަކީ ޤައުމަށް ހިދުމަތް ކުރުން ކަމަށް އެޕާޓީގެ އިންތިޤާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި ޕީޕީއެމްގެ ފުރަތަމަ ޤައުމީ ޖަލްސާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އުފެއްދީ އިސްލާމްދީނުގެ ވަރުގަދަ އަޤީދާ ހިފަހައްޓާ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް އިޤްތިޞާދީ އިޖުތިމާއީ ކުރިއެރުންތައް ރާއްޖެއަށް ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށެވެ.
"ޕީޕީއެމް އުފައްދަން ޖެހުނީ އެމްޑީޕީގެ ވެރިކަމުގައި ހިންގަމުންދިޔަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ޤައުމަށް އެވަގުތު އިދިކޮޅު ޕާޓީއެއްގެ މުހިއްމުކަން ބޮޑުވެގެން. ޕީޕީއެމް އުފެއްދީ ޕާޓީއެއް އުފެއްދުމަށް ގިނަ ބަޔަކު އަޅުގަނޑަށް ދެންނެވުމުން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އުފައްދައިގެން ފާއިތުވެދިޔަ އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި އެޕާޓީއަށް ލިބުނު ކާމިޔާބީގެ އަސްލަކީ ޕާޓީގެ މެންބަރުންގެ ހިތްވަރާއި ރައްޔިތުން ޕީޕީއެމަށް ކުރި އިތުބާރު ކަމަށެވެ. ޕީޕީއެމް އުފެއްދި ފަހުން އެޕާޓީއަށް ލިބުނު ކާމިޔާބީ ވަރަށް ގިނަ ކަމަށާ، އެގޮތުން އެޕާޓީ އުފެއްދިފަހުން ބޭއްވުނު 17 ބައި އިލެކްޝަނުގެ ތެރެއިން 15 ބައި އިލެކްޝަން އެޕާޓީން ކާމިޔާބުކޮށްފައިވާ ކަން ވެސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ޕީޕީއެމްގައި ތިބީ 20000 މެންބަރުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވީ ނަމަވެސް ވަރަށް އަވަހަށް ޕާޓީ މެންބަރުންގެ އަދަދު 30000 އަށް އިތުރުވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުހިއްމު ދައުރެއް އަދާ ކުރާ ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވުނު މުޒާހަރާތަކުގައިވެސް އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ޕީޕީއެމުން ކަމަށާއި މިހާރުގެ ސަރުކާރުގައި ވެސް ޕީޕީއެމުން މުހިއްމު މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެހެން ސިޔާސީ ޕާޓީ ތަކާއި މަޝްވަރާކޮށް ގުޅިގެން ކަންކަން ކުރުމުގެ ރޫހު ޕީޕީއެމްގައި އޮންނަންވާނެ ކަމަށެވެ.
ޕީޕީއެމްއަކީ ޒިންމާދާރު ހަރަކާތްތެރި ސިޔާސީ ޕާޓީއެއްކަން ސާބިތުކޮށްދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އުފެއްދިފަހުން 40 ކައުންސިލް ބައްދަލުވުން ބޭއްވި ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާގެ މަތިން ކަންކަން ނިންމާފައިވާނެ ކަމަށާއި މިއަދަދަށް އެއްވެސް ސިޔާސީ ޕާޓީއަކުން ކައުންސިލް ބައްދަލުވުން ބާއްވާފައިނުވާނެ ކަމަށެވެ. އަދި ޕީޕީއެމްއަކީ އެހެން ސިޔާސީ ޕާޓީ ތަކަށްވެސް ނަމޫނާ ޕާޓީއަކަށް ވާންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ކުށްކުރުން އިތުރުވެ ރާއްޖޭގެ އަމާންކަން ގެއްލިފައިވާކަން ހާމަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ އަބަދުވެސް ހެޔޮ ކަންތައްތަކަށް އަމުރުކުރާ ވިޔާ ނުދާ ގޯސް އަމަލުތައް ނަހީ ކުރާ ޕާޓީއަކަށްވާންޖެހޭނެ ކަމަށެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާގައި އިންތިހާބު ކުރާ މަޤާމު ތަކަށް ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލާފައިވާތީ އެމަނިކުފާނު އުފާ ކުރައްވާ ކަމަށާ، އެކަމުން ދައްކައިދެނީ ޕާޓީގެ ދުޅަހެޔޮކަމާއި ހިދުމަތް ކުރަން ބޭނުންވާ ބޭފުޅުންގެ އަދަދު އިތުރުވެގެން ގޮސްފައިވުން ކަމަށައި އިންތިހާބަކީ ޑިމޮކްރަސީގެ ރޫހު ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުވުމަކުން ހުރިހާ އުއްމީދެއް ހާސިލް ނުވާނެ ކަމަށާ، އެއީ މަސައްކަތުގެ ފެށުން ކަމަށެވެ.
"ޕީޕީއެމްއިން އަބަދުވެސް ޒުވާނުންނަށާއި އަންހެނުންނަށް ފުރުސަތު ހޯދަދޭން. ވަޒީފާއާއި ސިޔާސީ ފުރުސަތުތައްވެސް ހޯދައިދޭން،. ޕީޕީއެމްގެ ސަރުކާރެއްގައި އެކަންކަން ފެނިގެންދާނެ،" ކުރީގެ ރައީސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ފުރަތަމަ ޤައުމީ ޖަލްސާގައި 494 މެންބަރުން އަތޮޅު ތަކުން ބައިވެރިވެ އެވެ. ޤައުމީ ޖަލްސާގެ ފެށުމުގެ ރަސްމިއްޔާތުގައި މިނިވަން މުއައްސަސާތަކުގެ ބައެއް ބޭފުޅުންނާއި، ބޭރުގެ ސަފީރުންނާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގަތެވެ. މި ޖަލްސާގައި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމާއި އަސާސީ ޤަވައިދަށް އިސްލާހު ގެނައުން އޮންނާނެ އެވެ. ގައުމީ ޖަލްސާ ނިމޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ޕީޕީއެމްގެ ހަމައެކަނި މަޤުސަދަކީ ޤައުމީ ހިދުމަތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ