ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަލުން ބާއްވަން މަޝްވަރާކުރަނީ
އެމްޑީޕީ ފޭދޫ ދާއިރާގެ ޕްރައިމަރީ އަލުން ބާއްވަން އިންތިހާބާ ބެހޭ ކޮމެޓީން މަޝްވަރާކުރަން ފަށައިފި އެވެ. ފޭދޫ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީއާ އެކު ޖުމްލަ ނުވަ ކެންޑިޑޭޓަކު ވާދަކުރެއްވި ދާއިރާ ކާމިޔާބުކުރެއްވީ މުހައްމަދު ނިހާދެވެ. މިއީ ޕްރައިމަރީގައި އެންމެ ގިނަ މީހުން ވާދަކުރި ދާއިރާ އެވެ. ނިހާދު އެ ޕްރައިމަރީ ކާމިޔާބުކުރެއްވީ 316 ވޯޓުންނެވެ. ދެ ވަނަ އަށް ދިޔަ އަހުމަދު މިރުޒާދަށް 186 ވޯޓު އަދި އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ ފޭދޫ ދާއިރާގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ބާތިލް ލިސްޓެއް އަސްލަކަށް ބަލައިގެން ކަމަށެވެ. އެ ދާއިރާ ވޯޓުގައި ހުރި މައްސަލަތައް ކެންޑިޑޭޓުން ހުށަހަޅާފައިވާތީ އެކަން ބަލައި އެ ދާއިރާގެ ޕްރައިމަރީ އަލުން ބޭއްވުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެ ދާއިރާ އިން ފާހަގަވެފައި ހުރި މައްސަލަތަކަށް ބަލާއިރު އެ ދާއިރާގެ ޕްރައިމަރީ އަލުން ބޭއްވުމުގެ ފުރުސަތު ބޮޑު،" ވަހީދު ވިދާޅުވި އެވެ. އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ފޭދޫ ދާއިރާގެ ޕްރައިމަރީ އަލުން ބޭއްވުމާ މެދު މިއަދު ގޮތެއް ނިމޭނެ ކަމަށެވެ. އެ ދާއިރާއާ މެދު ނިންމާ ގޮތެއް އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފޭދޫ ދާއިރާގެ ވޯޓާ ގުޅޭ ގޮތުން އެ ދާއިރާ އިން އެކުލަވާލި ރިޕޯޓްގައި ބުނެފައި ވަނީ އިންތިހާބު ކުރިއަށް ގެންދިޔައީ ޕްރައިމަރީގައި ވާދަކުރި ބައެއް ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުގެ ސަބަބުން މުދަލާއި ނަފްސަށް ލިބިދާނެ ގެއްލުމަކަށްޓަކައި މަޖުބޫރީ ހާލަތުގައި ކަމަށެވެ. އަދި އިންތިހާބު ބޭއްވީ ބާތިލްކޮށްފައިވާ ލިސްޓަކަށް ވޯޓުލުން ކުރިއަށް ނުގެންދަން ބައެއް ކެންޑިޑޭޓުން އެދެމުން ދަނިކޮށް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. ބާތިލްކޮށްފައިވާ ލިސްޓަކަށް ޕްރައިމަރީ ބާއްވަން ޖެހުނީ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތް، ޕާޓީގެ ވެބްސައިޓުގައިވާ ލިސްޓުގައި ބައެއް ކެންޑިޑޭޓުންނާއި މަންދޫބުންގެ ނަން ނެތް ކަމަށް ބުނެ ހަމަނުޖެހުން ހިންގުމުން ކަމަށް ރިޕޯޓުގައިވެ އެވެ. "އިންތިހާބު ބާއްވާފައި ވަނީ މަޖުބޫރީ ހާލަތެއްގައި، އޮފިޝަލުން ބިރުވެރިކަމެއްގައި ތިބެގެންނެވެ. އެއާއެކު އިންތިހާބު ބެލެހެއްޓި ފަރާތެއްެގެ ހައިސިއްޔަތުން އަޅުގަނޑަށް ފާހަގަކުރެވޭ ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ،" ރިޕޯޓްގައިވެ އެވެ. ރިޕޯޓުގައިވާ ގޮތުން އިންތިހާބު ރޭވިފައި ހުރީ އެމްޑީޕީ އާއި އިދިކޮޅު ޕާޓީތަކަށް ވެސް ނުފޫޒު ފޯރުވިދާނެ ގޮތަށެވެ. އޭގެ ހެއްކެއްގެ ގޮތުން ބުނެފައި ވަނީ ފޭދޫ ދާއިރާގެ ވޯޓާސް ލިސްޓުގައި އެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ މެމްބަރުންގެ ނަން ހިމަނާފައިވާ ކަމެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ނަތީޖާ، އެމްޑީޕީގެ ފިކުރާ ދެކޮޅަށް ނިންމާލެވޭހާ ގިނަ އަދަދަކަށް ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ ނަން ވޯޓާސް ލިސްޓުގައި ހިމަނާފައިވާ ކަމަށް ރިޕޯޓް ބުނެ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންތިހާބުގެ ނަތީޖާ އިއުލާންކުރީ ނަތީޖާ ގަބޫލުނުކުރާ ކަމަށް ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން ވިދާޅުވެފައި ވަނިކޮށެވެ. އަދި ނަތީޖާ އިއުލާންކުރި އިރު އިންތިހާބުގެ ވަގުތީ ނަތީޖާ ޝީޓްތަކުގައި ކެންޑިޑޭޓުންނާއި އޮފިޝަލުން ސޮއިކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. ފޭދޫ ދާއިރާގައި ވާދަކުރެއްވި އަލްހާނަށް ބަޔަކު ދިން ވަޅީގެ ހަމަލާއެއްގެ ސަބަބުން އޭނާ މިހާރު ގެންދަވަނީ ސްރީ ލަންކާއިން ފަރުވާ ހޯއްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ