މަގުމަތިން ސަރުކާރެއް ނުވެއްޓޭނެ، އެކަމަކު ޑިމާންޑެއް ކޮށްފި ނަމަ އަޑުއަހާނަން: އުމަރު

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން މާދަމާ މުޒާހަރާ އަށް ނުކުތް ނަމަވެސް، މަގުމަތިން ސަރުކާރު ބަދަލެއް ނުކުރެވޭނެ ކަމަށާއި އެ މުޒާހަރާގައި ޑިމާންޑެއް ކޮށްފި ނަމަ، ސަރުކާރުން އަޑުއަހާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ދި ޓީވީގެ ޕްރޮގްރާމެއްގައި، މިނިސްޓަރު ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާލާނެ ކަމަށް ބުންޏަސް ބިރު ނުގަންނަ ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރަކީ ރައްޔިތުން ޑިމާންޑެއް ކޮށްފި ނަމަ، އެ އަށް އިޖާބަދޭނެ ސަރުކާރެއް ކަމަށެވެ. ބަޔަކު މަގުމައްޗަށް ނުކުތަސް މަގުމަތިން ސަރުކާރު ބަދަލުވުމާ ގާތަށް ވެސް ނުދާނެ ކަމަށް އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެމްޑީޕީ އާއި ޖޭޕީން އިއުލާންކޮށްފައިވާ ފަދަ ބޮޑު އެއްވުމެއް މާދަމާ ނޯންނާނެ އެވެ. އެ އެއްވުން ވާނީ "މެދު ފަންތީގެ" އެއްވުމަކަށް ކަމަށާއި އެ އެއްވުމުގައި ބައިވެރި ވާނީ ރަށްރަށުން 2000 މީހުންނާއި މާލެ އިން 3000 މީހުންނާ އެކު، ޖުމްލަ 5000 މީހުން ކަމަށް ވެސް ވިދާޅުވި އެވެ. "އެއިގެން، 5000 މީހުންގެ ހިނގާލުމަކުން ދައްކުވައި ދެނީ އިދިކޮޅު ފަރާތްތަކުގައި އެ މީހުން އިއްވައި ދޭން ބޭނުންވާ އަޑެއް އޮތްކަން. އެއިގެން ދައްކުވައެއް ނުދޭ ސަރުކާރު ބަދަލުވާނެކަން. އެފަދަ އަޑެއް އެ ބޭފުޅުން އިއްވައިފިއްޔާ އަހާނަން،" މިނިސްޓަރު ވިދާޅުވި އެވެ. މަގުމަތިން ސަރުކާރު ބަދަލުކުރާނެ ވަރުގެ ގޯހެއް ސަރުކާރުން ނުހަދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. މަގުމަތިން ސަރުކާރެއް ބަދަލުކުރުމުގެ ސިފަތަކެއް ހުންނައިރު، އެ ސިފަތަކާ ގާތަށް އަދި ނުދާ ކަމަށް ވެސް ވިދާޅުވި އެވެ. "މާދަމާ ނުކުންނައިރު ސުލަހްވެރިކަމާ އެކު ދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން އަދި ޔަގީންކުރަން. ނުބައިކޮށް ދަންޏާ އެކަން ހުއްޓުވުމުގެ ގާބިލްކަން ވެސް ސަރުކާރަށް ލިބިގެންވޭ. އަށެއް ފެބުރުއަރީ ގޮތަށް ހުޅުޖަހަން އަދި ފުރުސަތެއް ނުދޭ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ގާނޫނުތަކާ ހިލާފަށް ކަންކަމެއް ނުކުރެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓާއި ޕީޕީއެމްގައި ތިއްބެވި މެމްބަރުންނަކީ ރައީސް ކުރައްވާ ގޯސް ކަންކަމަށް "ލައްބަ" ވިދާޅު ވާނެ ބައެއް ނޫން ކަމަށެވެ. ރައީސް ގޯސްކަމެއް ކުރައްވާނަމަ، އެކަން ނުކުރެއްވުމަށް ކެބިނެޓާއި މަޖިލީހުގެ މެމްބަރުން ވެސް ވިދާޅުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. "ރައީސް ނަޝީދަށް ލިބުނު ޑިސްއެޑްވާންޓޭޖަކީ ރައީސް ނަޝީދު އަރިހުގައި ބޭފުޅުން ތިއްބެވީ ހަށަން ބަނދެގެން. ރައީސް ނަޝީދު ހައްދަވާ ގޯސްތަކަށް ތި ހައްދަވަނީ ގޯހެކޭ ވިދާޅުވާން ނުކުރޭ،" އުމަރު ވިދާޅުވި އެވެ. އިދިކޮޅު އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ބޮޑު އެއްވުމެއް މާދަމާ މާލޭގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ. އެ އެއްވުމުގެ ބޭނުމަކީ ސަރުކާރު ބަދަލުކުރުން ނޫން ކަމަށް އެ ދެ ޕާޓީން ރަސްމީކޮށް ބުނެފައި ވިޔަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ފަދަ ހާލަތެއް މާދަމާގެ އެއްވުމުގެ ސަބަބުން ކުރިމަތި ވެދާނެ ކަމުގެ އިޝާރާތެއް އެމްޑީޕީ އާއި ޖޭޕީގެ ބައެއް އިސް ބޭފުޅުން ވަނީ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ