އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާރު އިއުލާންކޮށްފައިވާ ތާރީހުގެ ކުރިން އިންތިހާބު ބޭއްވުމަށް ބޭނުންފުޅުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ގުޅުމަށް ނިސްބްތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތު ހުރި ގޮތުންނާއި ބައެއް ފަރާތްތަކުގެ އަމަލުތައް ހުރިގޮތުން ރިޔާސީ އިންތިހާބު އަވަހަށް ބޭއްވުން މުހިއްމު ކަމަށާއި، ޖުމްހޫރީ ގުޅުމުގައި ހިމެނޭ އިސް ފަރާތްތަކާ އެކަމުގައި މަޝްވަރާކުރައްވާނެ ކަމަށެވެ. އެގޮތުން އިންތިހާބު އަވަހަށް ބާއްވާނަމަ އެކަން ކުރަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ތާރީހުވެސް ގާސިމް މިއަދު ވަނީ ވިދާޅުވެ ދެއްވާފަ އެވެ.
"އަޅުގަނޑު މިހާރު ބޭނުންވަނީ ނޮވެމްބަރު ހަތަރެއް ނޫނީ ފަހެއް ހިސާބުގައި ފުރަތަމަ ބުރު ބާއްވާފައި ނޮވެމްބަރު 11 ގެ ކުރިން ދެވަނަ ބުރު ބޭއްވޭނެ ގޮތަށް ކަންކަން އިންތިޒާމްވެގެންދާން. އިންތިހާބު ފަސްވެ ކަންކަން ވުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން. ޖުމްހޫރީ ގުޅުމާއި ޕީޕީއެމުންވެސް ކުރިން ހުށަހަޅާފައިވާނީ ނޮވެމްބަރު ދޭއްގައި އިންތިހާބު ބާއްވަން" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ އަމަލުތައް ހުރީ ވާދަވެރި އިންތިހާބެއް ބާއްވައިގެން ކެންޑިޑޭޓަކު އިންތިހާބު ކުރުމުގެ ގޮތަކަށް ނޫން ކަމަށާއި، އެބޭފުޅުންގެ އަމަލުތަކުން ފެންނަނީ ވަކި މީހަކަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހަވާލުކުރުމުގެ ވިސްނުން ކަމަށެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ އެފަދަ ފުރުސަތެއް ދެވެން ނެތް ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ނޮވެމްބަރު 11 އަށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނުކުރެވިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް އެމްޑީޕީން ހުށަހަޅައިގެން މިއަދު ފާސްކުރި ހުށަހެޅުމަށާއި ގުޅޭގޮތުންވެސް ގާސިމް އިބްރާހީމް މިއަދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
އެގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުން މިއަދު ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ސިޓީއަކުން މަޖިލީހުގައި ލަފަޔަކަށް އެދިވަޑައިގަތުމުން ނިންމި ނިންމުމެއް ކަމަށާއި، ނަމަވެސް އެއީ ގާނޫނީ ގޮތުން ބުރަދަނެއް ނެތް ނެތް ނިންމުމެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައި ރޫހާ ހިލާފު ނިންމުމަކަށްވާތީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުންވެސް އެނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"މިއަދުގެ ނިންމުމަކީ ރައީސް ޑރ ވަހީދު މަޖިލީހުގެ ރައީސް އަށް ފޮނުވި ސިޓީއަކާއި ގުޅިގެން ރައީސް އަށް އެރުވި ލަފައެއް. ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ އަމަލު ކުރުން ލާޒިމް ނިންމުމެއް ނޫން. ކުރާކަށް ނުވެސް ޖެހޭނެ. އެއީ ނޮވެމްބަރު 11ގައި ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ދިމާވެދާނެ ގާނޫނީ މައްސަލަތަކާއި ގުޅޭގޮތުން މަޖިލީހުގެ ލަފައަކަށް އެދި ރައީސް ފޮނުއްވި ސިޓީ އެއް" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ނޮވެމްބަރު 11 އަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ނުކުރެވިގެން ވެރިކަމުގެ ބާރުތައް މަޖިލީހުގެ ރައީސްއާ ހަވާލުކުރާނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށާއި، ނޮވެމްބަރު 11 އަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެނަމަ ކަން ކުރަންވީ ގޮތްވެސް ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމީ ޕާޓީގެ ނައިބް ރައީސް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ މަޖިލީހުން މިއަދު ފާސްކުރި ހުށަހެޅުމަށް އެމްޑީޕީން އަމަލުކުރަން މަސައްކަތް ކޮށްފިނަމަ އެކަމަށް ހުރަސް އަޅުއްވާނެ ކަމަށާއި، އަދި ސުޕްރީމް ކޯޓަށް ގޮސްގެން އެހުށަހެޅުން ބާތިލްކުރަންޖެހޭ ނަމަ ނުވަތަ އެހުށަހެޅުމާއި މެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ ޖުމްހޫރީ ގުޅުމުން އެކަންވެސް ކުރާނެ ކަމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އެކުލަވާލާފައިވަނީ އެމެރިކާގައި އަމަލުކުރަމުންދާ ރިޔާސީ ނިޒާމްގެ މޮޑެލަށްކަން ފާހަގަކުރައްވާ ރިޔާޒު ރަޝީދު ވިދާޅުވީ މިއަދު ރާއްޖޭގައި ދިމާވެގެން މިއުޅޭ މައްސަލަތައް އެމެރިކާގައިވެސް ދިމާވި ކަމަށާއި، އެމެރިކާއިން އެމައްސަލަ ހައްލުކުރީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިގެން ރާއްޖޭގައި ދިމާވެގެން މިއުޅޭ މައްސަލަ ހައްލުކުރުމަށް އެމްޑީޕީން ބޭނުން ނުވި ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ އެމްޑީޕީއަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން އެމީހުން ބޭނުންވާހާ ކަމެއް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަކު އެމްޑީޕީން ބޭނުންވާ ހުރިހާ ކަމެއް މަޖިލީހުގައި ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ގައުމަށް މިއަދު ކުރިމަތިވެފައިވާ ހާލަތު ގައުމަށް ކުރިމަތިކުރުވީ އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސް ކަމަށާއި، އެފަރާތްތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.
ނޮވެމްބަރު 9 ގެ ކުރިން އިންތިހާބު ބާއްވަން ބޭނުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ